ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ހައްޔަރު ކުރީ މާރިޗު މަހުއެވެ. ޝަމްއާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކުރާއިރު، އޭނާ ހުރީ ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި އޭނާގެ ވަކީލް ވިދާޅުވީ ޝައްމާންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ އަދި ޒާތީގޮތުން އަމާޒުކޮށްގެން ކުޅެފައިވާ ފިލްމެއް ކަމަށާއި އަދި އެކަން އަމަލީ ގޮތުން ކުރުމުގައި އުޅުނީ އެ މައްސަލާގައި ދައުލަތުން ދައުވާކުރި އެހެން މީހެއް ކަމަށެވެ. ވަކީލް ވިދާޅުވި ގޮތުގައި އެ މީހަކީ، އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި އަހުމަދު ލައްސާންއެވެ.
ބިދޭސީންތަކެއް ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ލައްސާން ބުނުމުން އެ މައުލޫމާތު ކަށަވަރު ކުރަން ޝަމްއާން އެންގި ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި އެ ބިދޭސީން ތިބި ތަނަށް ދިޔައީ ލައްސާން އަމިއްލައަށް ކަމަށް ވަކީލް ވިދާޅުވި އެވެ.
މިދިޔަ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000ރ. ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ.