އިރުފާނުގެ އަންހެނުން ސުތާޕާ ސިކްދާރާއި ދަރިފުޅު ބަބިލް އަދި އަޔާން މިވަނީ އިރުފާނު މަރުވެގެން ދިއުމަކީ ލިބުނު ގެއްލުމުގެ ގޮތުގައި ނުދެކުމަށް ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.
އިރުފާނަށް ފަރުވާދިން ޑޮކްޓަރުންނަށް ޝުކުރު އަދާކުރަމުން މި ބަޔާން ފަށާފައިވާއިރު އޭގައި ވަނީ މިކަން ގެއްލުމެއްގެ ގޮތުގައި ނުދެކޭންވީ އިރުފާން މަރުވެ ދިއުމުގެ ކުރިން އެތައް ފިލާވަޅެއްދީފައިވާ ކަމަށާއި މިއީ އެ ފިލާވަޅުތަކުގައި ހިފައިގެން ދިރިއުޅެންވީ ވަގުތު ކަމަށް ބުނެފަ އެވެ.
މި ބަޔާނުގައި އޭނާގެ ދަރިފުޅު ބަބިލް ބުނެފައި ވަނީ ދިރިއުޅުމުގައި އެތައް ކަމެއް ކުރިމަތިވިޔަސް އިތުބާރާއެކު ކުރިއަށް ދިއުމުން މުހިއްމު ކަމަށް ބުނެފަ އެވެ. އަދި އަޔާން ބުނެފައި ވަނީ ސިކުނޑި ކޮންޓްރޯލް ކުރަން ޖެހޭ ކަމަށާއި ސިކުނޑި ތިމާ ކޮންޓްރޯލްކުރިޔަ ދީގެން ނުވާނެ ކަމަށެވެ.
އުމުރުން 53 އަހަރުގައި އިރްފާން މަރުވެފައި ވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރު ބައްޔަކާއި ހަނގުރާމަ ކުރަމުންދަނިކޮށެވެ.
އިރުފާނާއި އޭނާގެ އަންހެނުން ސުތާޕާ ކައިވެނިކުރީ 1995 ވަނަ އަހަރެވެ. މި ކައިވެންޏަށް ލިބިފައި ވަނީ ދެ ފިރިހެން ދަރިންނެވެ.
އިރުފާނަކީ ކުޅަދާނަ ތަރިއެކެވެ. އެގޮތުން ހިންދީ މީޑިއަމް އާއި އެނގްރޭސީ މީޑިއަމް އަދި ލައިފް އޮފް ޕައިގެ އިތުރުން ބްލެކްމެއިލް އާއި ޕީކޫ ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.