ads
އެފްއެސްއެމްގެ ތެޔޮ އުފުލާ ޓްރަކްއެއް ފޮޓޯ: އެސްޓީއޯ
ތެޔޮ ވައްކަން ހުއްޓުވެން ނެތީ މެމްބަރުންގެ ކޯލުތަކާ ހެދި: އާޝާން
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ވައްކަން ކުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކަށް މަޖިލިސް މެމްބަރުންގެ ނުފޫޒު ހުރަސްއަޅާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އާޝާން ވިދާޅުވީ، ވައްކަމުގެ ތުހުމަތުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމުމުން، އެކަން ނުކުރުމަށް އެދި މަޖިލިސް މެމްބަރުން ގުޅުއްވާ ކަމަށެވެ.

އާޝާން ވިދާޅުވީ، ކުންފުނީގެ ތެރެއިން ވައްކަން ހުއްޓުވޭނީ މިފަދަ ސިޔާސީ ނުފޫޒުތަކުން އެ ކުންފުނި ސަލާމަތްވެގެން ކަމަށެވެ. މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ޗިޓު ދިނުމުން ނުވަތަ އެ މައްސަލައެއް ފުލުހަށް ހުށަހަޅަން އުޅުމުން، އޭނާ އާއި ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު މުރާދުއަށް ވެސް ކޯލުތައް އަންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ސިޔާސީ އެއްވެސް މީހަކު އަޅުގަނޑުމެން ދެ މީހުންނަށް ގުޅާކަށް،" އާޝާން ކޮމިޓީގައި ވިދާޅުވި އެވެ.

އެފްއެސްއެމްއިން ތެލުގެ ވައްކަން ހުއްޓުވުމަށްޓަކައި އަމަލީ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވެސް އާޝާން ވިދާޅުވި އެވެ. އެގޮތުން، ތެޔޮ އުފުލާ 21 ބާޖުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އެފްއެސްއެމް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރީ، އެމްޕީއެލްއަށް 2018 އިން 2020 އަށް ޑީސަލް ގަތުމާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓަކާ ގުޅިގެން ކޮމިޓީން އެންގި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރުމަށެވެ.



100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް