މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ދުވުމެކެވެ. މި ދުވުމުގެ މަގުސަދަކީ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލާނެ މަޖާ މާހައުލެއް ހޯދައިދީ، ހަރަކާތްތެރިވެ އުޅުމަށް ހިތްވަރުދިނުމެވެ. މި ދުވުމުގައި އެކި އޮބްސްޓެކުލްތައް ހުރަސްކޮށް، ފޯމް ޕާޓީ ފަދަ އެކި މަޖާ ހަރަކާތްތައް ކުރިއަށް ދާނެ އެވެ.
މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުން ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް ލިބޭނެ އެވެ. އެއީ ފަން ރަންގެ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭއިރު، އޭގެ އަގަކީ 110ރ. އެވެ. އަދި 210ރ. ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަހަކާއި އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
މި ދުވުމުގައި މޫލީ މެދުވެރިކޮށް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 6،500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މި ދުވުމުގެ އެކި އެޑިޝަންތައް މާލޭގެ އިތުރު ބޮޑެތި ރަށްރަށުގައި ވެސް ދަނީ ބާއްވަމުންނެވެ.