ސިރީލަންކާގެ ނޫސްތަކުން މިއަދު ރިޕޯޓުކުރި ގޮތުން މި ބޯޓުން ހެރޮއިން އާއި މެތް ފެނިފައިވާއިރު، ބޯޓުގައި ތިބި ސްރީ ލަންކާއަށް ނިސްބަތްވާ މަސްވެރިކަމުގެ ނަމުގައި އުޅުނު ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މި ކާމިޔާބު އޮޕަރޭޝަނަކީ ސްރީ ލަންކާގެ ނޭވީން ދިން އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަން ރިޕޯޓުތައް ބުނެއެވެ. ދެ ގައުމުގެ ދިފާއީ ބާރުތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހިފެހެއްޓި މަސްތުވާތަކެތީގެ ބޮޑު ޝިޕްމަންޓަކީ ރާއްޖެއަށް ގެނައި ޝިޕްމަންޓެއްކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. .
ސެކިއުރިޓީ ފޯސްތަކަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މަސްތުވާތަކެއްޗަކީ "ދެހިބާލޭ މަ" ގެ ނަމުން މަޝްއޫރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑު ވިޔަފާރިވެރިއަކާ ގުޅުންހުރި ތަކެތަކެއްޗެވެ. މި މައްސަލަ މިހާރު ކަމާބެހޭ އިދާރާތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި މައްސަލަ މިހެން ހިގާފައިވާއިރު، ލަންކާގެ މަސްބޯޓެއް އަތުލައިގަނެފައިވާކަމަށް ދިވެހި ސިފައިން ބުނެއެވެ. ނަމަވެސް އެ ބޯޓުގައި މަސްތުވާތަކެތި ހުރިކަމެއް ނުވަތަ ނޫންކަމެއްވެސް ސިފައިން ހާމައެއް ނުކުރެއެވެ.