ރެވެން ބުނީ، ކޮސްބީގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވީ ނަމަވެސް، އޭނާގެ ކެރިއަރއަށް ކޮށްދިން ހެޔޮ އަސަރުތައް ހަނދާން ނައްތާނުލާނެ ކަމަށެވެ. "ހޭޓް ޓު ބްރޭކް އިޓް ޓު ޔާ" ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން ރެވެން ބުނީ، ކޮސްބީގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ މަސައްކަތާ ގުޅުވައިގެން ނުވާނެ ކަމަށެވެ.
ރެވެން ބުނީ ކޮސްބީއަކީ ޓީވީ އިންޑަސްޓްރީއަށް، ހާއްސަކޮށް ކަޅު ނަސްލުގެ މީހުންނަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަންނާނެއް ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި، އެ ޒަމާނުގައި ޝޯތަކުގެ ކެމެރާ ފަހަތުގައި ކަޅު ނަސްލުގެ މުވައްޒަފުންނަށް ފުރުސަތު ދިނުމަކީ އާންމު ކަމެއް ނޫން ނަމަވެސް، ކޮސްބީގެ ޝޯތަކުގެ ސެޓުތަކުގައި އެކަން އޭނާ އާންމުކުރި އެވެ.
އުމުރުން 39 އަހަރުގެ ރެވެން އިތުރަށް ބުނީ، ކޮސްބީގެ އެ އާދަ އޭނާގެ އަމިއްލަ ޕްރޮޖެކްޓުތަކުގައި ވެސް ދެމެހެއްޓި ކަމަށެވެ. ޑިޒްނީއާއެކު މަސައްކަތް ކުރިއިރު ވެސް، ޝޯތަކުގެ ކެމެރާ ފަހަތުގައި ތަފާތު ނަސްލުތަކުގެ މީހުންނަށް ފުރުސަތު ދިނުމަށް އަބަދުވެސް ބާރުއެޅި ކަމަށް އޭނާ ބުންޏެވެ.
ރެވެން ވަނީ ކޮސްބީގެ އަމިއްލަ ދިރިއުޅުމުގައި ހިނގާފައިވާ ކަންކަމަކީ އޭނާގެ އަމިއްލަ ކަމެއްގެ ގޮތުގައި ބަލައިގަންނަ ކަމަށާއި، ނަމަވެސް އޭނާގެ މަސައްކަތްތަކުން ލިބުނު ފިލާވަޅުތަކަށް އަބަދުވެސް ޝުކުރުވެރިވާނެ ކަމަށް ބުނެފަ އެވެ.