އެރަށުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޑޭޓާ ސެންޓަރު ހުޅުއްވައިދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދާއި ވެލިދޫ ކައުންސިލުގެ ރައީސް އާތިފް ހުސައިނެވެ.
ދިރާގުން ބުނި ގޮތުގައި، އަލަށް ގާއިމްކުރި މި 'ޓިއާ-3 ރެޑީ' ޑޭޓާ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގެ އިތުބާރު ހިފޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޅުނު ބާރެކެވެ. މި ސެންޓަރުގެ ސަބަބުން، ހާއްސަކޮށް އެ ސަރަހައްދުގެ ރިސޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށް ޑޭޓާ ރައްކާކުރުމުގެ ހިދުމަތްތައް އިތުރަށް ފަސޭހަވެގެންދާނެއެވެ. އަދި ކްލައުޑް ހިދުމަތްތަކާއި އެޕްލިކޭޝަންތައް ބޭނުންކުރުމަށް ލުއިވެ، ވިޔަފާރިތައް ހުއްޓުމެއްނެތި ހިންގުމަށް މަގުފަހިވާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
މިއީ ދިރާގުން ގާއިމްކުރި ތިން ވަނަ ޑޭޓާ ސެންޓަރެވެ. މީގެ ކުރިން މި އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ ފުރަތަމަ 'ޓިއާ-4' ސެޓިފިކޭޝަން ލިބިފައިވާ ޑޭޓާ ސެންޓަރު ހުޅުމާލޭގައި ހުޅުވާފައެވެ. މިފަދަ އާ ހިދުމަތްތަކާ އެކު، ދިރާގުން ދަނީ ރާއްޖޭގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ މަގާމު ހިފަހައްޓަމުންނެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ރަށްތައް ތަރައްގީކޮށް ބާރުވެރިކުރުވުމަށް ދިރާގުން އަބަދުވެސް މަސައްކަތްކުރާކަން މިކަމުން ހާމަވެއެވެ.