"މޯލްޑިވްސް 2.0" ގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސީހު ފާހަގަކުރެއްވި ގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
އިމިގްރޭޝަނުން އަލަށް ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި އާ ވެބްސައިޓަކާއި މޯބައިލް އެޕްލިކޭޝަނެއް ހިމެނެއެވެ. ފަސީހު ވިދާޅުވި ގޮތުގައި، މި ހިދުމަތްތަކާއެކު ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޕާސްޕޯޓުގައި ވިސާ ޖެހުމުގެ ހިދުމަތް ހޯދުމުގައި ކުރިމަތިވަމުން އައި ގިނަ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރުމަށް ވިސާ ދޫކޮށްފައިވާ ބިދޭސީންނަށް އެޕްލިކޭޝަނަށް ލޮގިން ކޮށްގެން، އެމީހުންގެ ވިސާގެ މައުލޫމާތު ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބަލާލެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
އިމިގްރޭޝަންގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު، އަވަސް އަދި ޒިންމާދާރު ހިދުމަތްތަކެއް ފޯރުކޮށްދިނުންކަން ފާހަގަކުރައްވާ ފަސީހު ވިދާޅުވީ، މި ބަދަލުތަކާއެކު ގްރޭޓާ މާލެ ސަރަހައްދުން ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. "މޯލްޑިވްސް 2.0" ގެ ދަށުން ހިދުމަތްތައް ޑިޖިޓަލްކުރުމުން، މޯލްޑިވްސް އިމިގްރޭޝަން ވެގެން ގޮސްފައިވަނީ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ސައްތަ ޕަސަންޓު ހުރިހާ ހިދުމަތެއް ޑިޖިޓަލްކުރި ފުރަތަމަ އިދާރާއަށެވެ.