ads
ވިޔަފާރިވެރިއާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު
ހަނިމާދޫ އެއާޕޯޓު ހުޅުވުމުން 50 މިލިއަން ޑޮލަރުގެ މަޝްރޫއުއަށް ހިތްވަރު ލިބިއްޖެ: ޖާބިރު
ކުރީގެ ސަރުކާރުން ހުއްޓުވާފައި އޮތް 50 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް އަލުން ފެށުމުގެ ހިތްވަރު ލިބިވަޑައިގެންފި ކަމަށާއި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށާއި އިންޑިއާ ސަރުކާރަށް ޝުކުރު ހައްގު ކަމަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
Advertisement

ކާށިދޫ ދާއިރާގެ މެންބަރު ކަން މަޖިލީހުގެ މިދިޔަ ދައުރުގައި ކުރައްވާފައިވާ، ޖާބިރު މިހެން ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމާ ގުޅިގެން ބޮޑުތިލަދުންމަތީގައި އިންވެސްޓްކުރުމަށް ސަރުކާރުން ހުޅުވާލުމުންނެވެ. ރައީސް މުއިއްޒު ވަނީ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްގީއަށް ހުޅުވުނު މައި ދޮރާއްޓަށާއި އިންވެސްޓަރުންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ސިފަކުރައްވާފައެވެ.

ޖާބިރުގެ ކުންފުނި ޔޮޓް ޓުއާޒް މޯލްޑިވްސް އިން ހިންގަމުން އައި ހއ. އަލިދޫ ރިސޯޓުގެ މަސައްކަތް ކުރީގެ ސަރުކާރުން ހުއްޓުވާލީ އެތަނަށް 50 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައި ވަނިކޮށެވެ. އަދި އޭގެ ފަހުން ކުންފުނީގެ އެކައުންޓްތައްވެސް ވަނީ ފްރީޒްކޮށްފައެވެ. ނަމަވެސް، އެއީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑައަޅައި މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ވަނީ އެ ރިސޯޓު އަލުން ޖާބިރުގެ ކުންފުންޏާ ހަވާލުކުރުމަށް ހުކުމްކޮށްފައެވެ.

ޖާބިރު ވިދާޅުވީ އެ ހިސާބުން ފެށިގެން ރިސޯޓް އަލުން މަރާމާތު ކުރުމަށް ޕްލޭންކޮށްގެން އިންތިޒާރު ކުރަމުން އައީ ހަނިމާދޫ އެއާޕޯޓް ހުޅުވޭނެ ދުވަހަކަށް ކަމަށެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށާއި އިންވެސްޓަރުންނަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވުމުން އުފާކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރެއްވިއިރު އެ މަޖިލީހުގައި އެންމެ ގިނަބައެއްގެ ސަމާލުކަން ހޯއްދެވި ޖާބިރު، ވަނީ އަލިދޫ ރިސޯޓް 100 ވިލާގެ ފަސްތަރީގެ ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުގައި އިންޑިއާ ސަރުކާރުން އަދާކުރި ދައުރު ފާހަގަކުރައްވައި ޖާބިރު ވަނީ އިންޑިއަން ހައިކޮމިޝަނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި އެއާޕޯޓުގެ ސަބަބުން ރާއްޖެއަށް ޑޮލަރު ލިބުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް