އެފް.އޭ.އެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އެފް.އޭ.އެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަގީލްއާއި ހަސަން ވަހީދުގެ އިތުރުން އަމީން ކޮންސްޓްރަކްޝަނާ ދެކޮޅަށް ދައުވާ ކުރެއެވެ.
މުހައްމަދު އަގީލް އަދި ހަސަން ވަހީދުގެ އިތުރުން އަމީން ކޮންސްޓްރަކްޝަނަށްވެސް ދައުވާކުރަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލަތަކުގެ ޝަރިއަތް މިހާރު އޮތީ ފެށިފައެވެ. މިއަދު މި ޝަރިއަތްތައް ދެ ސެޝަނަކަށް ކުރިއަށް ގެންދަން ތާވަލުކޮށްފައި އެބައޮތެވެ. އެއީ ހެނދުނު 11 ޖަހާއިރު އަދި މެންދުރު 1 ޖަހާއިރުއެވެ.
އެފްއޭއެމްގެ ހިޔާނާތާއި ގުޅިގެން ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ ދެ މައްސަލައެއްގައި އިއްވި ޖުމްލަ ނުވަ އަހަރުގެ ހުކުމް ތަންފީޒު ކުރުމަށެވެ. އެއީ ހިޔާނާތުގެ ކުށް ސާބިތުވެ އިއްވި ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އިއްވި ފަސް އަހަރުގެ ހުކުމެވެ.