ފިޝަރީޒް މިނިސްޓްރީ، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގުޅިގެން ހުޅުވާލާފައިވާ ލޯނަށް އެދުމަށް ސަރުކާރުން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. ފަހުން އިތުރު ލުއިތަކާއެކު އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލި އެވެ. ފިޝަރީޒް މިނިސްޓްރީން ބުނޯ އާރް.އެސް.ޑަބްލިއު ޕްރޮގްރާމް ޖުމްލަ 85 އެޕްލިކޭޝަނެއް ލިބިފައިވާކަމަށެވެ.
އެ އެޕްލިކޭޝަން ތަކުގެ ތެރެއިން 33 ފަރާތަކަށް ލޯނުދިނުމަށް ވަނީ ފާސްކޮށްފައެވެ. ލޯނުގެ ގޮތުގައި ދޭން ނިންމާފައިވަނީ މުޅި ޖުމްލަ 34 މިލިއަން ރުފިޔާއެވެ.
މިހާތަނަށް މީގެ ތެރެއިން 23.7 މިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.
މިލޯނު ދިނުމުގެ މަގުސަދަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުން ކަމަށް އެ މިނިސްޓްރީން ފާހަގަ ކުރެ އެވެ.
އަދި މަސްވެރިން ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭގޮތް މެދުވެރިކޮށްދީ މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް މި ލޯނުގެ ސަބަބުން އެހީތެރިވެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމުކޮށް، މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެގޮތް އިތުރަށް މަގުފަހި ކުރުމަށްޓަކައި، އާރްއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ލުއިކޮށްފަ އެވެ.