މިކަމާ ގުޅިގެން ކައުންސިލުން ވަނީ އެހީއަށް އެދި ގުޅާނެ ހާއްސަ ފޯނު ނަންބަރުތަކެއްވެސް އާންމުކޮށްފައެވެ.
ފުވައްމުލައްސިޓީ ކައުންސިލުން ބުނީ ސާފު ބޯފެން ލިބުމުގައި ދަތިތަކެއް ހުރިނަމަ އެކަން ހައްލުކުރުމަށް އެހީވުމުގެ ގޮތުން 6862875 އަދި 6862816 އަށް ގުޅުމަށް އެދޭ ކަމަށެވެ. ކައުންސިލުން މި ފިޔަވަޅު އަޅާފައި މިވަނީ ފެނުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން ސަރުކާރުން ސިފައިން މެދުވެރިކޮށް އެ ރަށަށް ބޯފެން ފޯރުކޮށްދެމުން އަންނަ ދަނޑިވަޅެއްގައެވެ.
ފުވައްމުލައްސިޓީން ފެނުގެ ހިދުމަތް މެދުކަނޑާލަން ޖެހުނީ މިދިޔަ އާދިއްތަ ދުވަހު ފެނުގެ ނިޒާމު ތަގައްޔަރުވުމާ ގުޅިގެންނެވެ. ފެނަކައިން ބުނެފައިވާ ގޮތުގައި މައްސަލަ ދިމާވީ ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ދީފައިވާ "ކްރޮސް ކަނެކްޝަން" ތަކެއްގެ ސަބަބުންނެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެފައިވަނީ ތަގައްޔަރުވުމުގެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި މިއަދުގެ އިރުއޮއްސުމުގެ ކުރިން އަލުން ހިދުމަތް ދޭން ފަށާނެ ކަމަށެވެ.