މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދެވެ. ޒާހިދު ވިދާޅުވީ، މިހާރު އަމަލުކުރަމުން އަންނަ މެނުއަލް ވޯޓިން ނިޒާމަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ކަމަށާއި، އިންތިހާބެއްގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުންގެ އިތުބާރު ކަމަށެވެ.
ޒާހިދު ވަނީ މިވަގުތު އީ-ވޯޓިންއަށް ދިޔުމުގެ އެއްވެސް ވިސްނުމެއް ކޮމިޝަނުން ނުގެންގުޅޭ ކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އީ-ވޯޓިންއަށް ދާނެ ފަދަ މާހައުލެއް އޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އަދި އިންތިހާބުތަކުގެ ސައްހަކަމާމެދު ރައްޔިތުންގެ ހިތުގައި އުފެދިފައި އޮންނަ ޔަގީންކަން ގެއްލޭ ފަދަ ކަމެއް ކުރުމަށް އީސީން ފަސްޖެހޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ސަރުކާރުން އީ-ވޯޓިން ގާއިމުކުރަން ބޭނުންވާނަމަ އެކަން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޒާހިދު ވިދާޅުވިއެވެ. އެކަން އެންމެ ފަސޭހައިން ކުރެވޭނީ ސިޔާސީ ޕާޓީތަކާ ގުޅިގެން މަޝްވަރާކޮށް، އެ އެންމެންގެ އިއްތިފާގުން ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. ސަބަބަކީ، ސިޔާސީ ޕާޓީތައް މެދުވެރިކޮށް ރައްޔިތުންގެ އިތުބާރު ހޯދުމަށާއި، ނިޒާމާ މެދު އުފެދިދާނެ ސުވާލުތަކަށް ޖަވާބުދާރީވުމަށް ފަސޭހަވެގެން ދިޔުން ކަމަށް އީސީން ބުނެއެވެ.