"އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ މިފަހަކަށް އައިސް ހިންގާ އެންމެ ބޮޑު އެއް ހަރަކާތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިން ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވެއެވެ. އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް، މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަނެއްގައި ފުލުހުން ދަނީ އެއްފަހަރާ ހަރަކާތްތެރިވަމުންނެވެ. މިގޮތުން ބަލައި ފާސްކުރި ތަންތަނުން މަސްތުވާތަކެއްޗާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނު ވަނީ ފެނިފައެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ކޮމިޝަނާ ނަވީން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ގާއިމުކޮށްފައިވާ މަސްތުވާތަކެތީގެ ވިޔަފާރީގެ ނެޓްވޯކްތައް އެއްކޮށް ނައްތާލުމެވެ. މިއީ މިހާތަނަށް ހިންގާ މިފަދަ އެންމެ ފުޅާ އޮޕަރޭޝަން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގެ ރަށްރަށަށްވެސް އޮޕަރޭޝަން ފުޅާކޮށް އިތުރު ބަޔަކު ހައްޔަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.