މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ހިންގަމުން ދަނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނިން އައިލޭންޑް އެވިއޭޝަނުންނެވެ.
މާފަރު އެއާޕޯޓް ޓާމިނަލް ބޮޑުކުރުމަށް ހަވާލުކުރީ ޗައިނާގެ ހުނާން ކުންފުންޏާއިއެވެ. މިކަމުގެ އެއްބެސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައިލޭންޑް އެވިއޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ. ޗައިނާގެ ހުނާން ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީއެވެ.
މާފަރު ޓާމިނަލް ބޮޑުކުރަން ޗައިނާގެ ކުންފުންޏާއި ހަވާލުކުރީ ޖުމްލަ 3.6 މިލިއަން ޑޮލަރަށް ކަމަށް އައިލޭންޑް އެވިއޭޝަނުން ބުނެއެވެ. މި މަސައްކަތުގެ ދަށުން ޓާމިނަލްގެ ޖާގައަށް 6238 އަކަފޫޓުގެ އިތުރުކޮށް ޓާމިނަލް ޖާގަ 12476 އަކަފޫޓަށް ބޮޑުވެގެންދާނެކަމަށް އައިލޭންޑް އެވިއޭޝަނުން ބުނެއެވެ.
10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރިު މި މަސައްކަތުގެ ދަށުން މިހާރު ބޭނުން ކުރާ އެރައިވަލް ހޯލް ބޮޑުކޮށް ބެގޭޖް ހޭންޑްލިންގް ބެލްޓް ބޮޑުކުރާނެކަމަށް އައިއޭއެސް އިން ބުނެއެވެ. އަދި ދެ ބުރިއަށް ހަދާ ޓާމިނަލްގެ ފުރަތަމަ ބުރީގައި 60 މީހުންގެ ޖާގައިގެ ތަނަވަސް ލައުންޖެއް ހަދާނެކަމަށްވެސް އައިލޭންޑް އެވިއޭޝަނުން ބުނެއެވެ.
މާފަރު އެއަޕޯޓްގެ މަސައްކަތް ފަށާފަވަނީ 23 ޖެނުއަރީ 2018 ގައެވެ. އެއާޕޯޓްގެ މަސައްކަތް ނިންމާ ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.