މި ފްލެޓުތައް އަޅާނީ ބީއެމްއެލްގެ %100 ހިއްސާ އޮންނަ "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް" އިންނެވެ.
އެ ކުންފުނި ވާނީ ބީއެމްއެލްގެ ދެވަނަ ސަބްސިޑަރީ ކުންފުންޏަށެވެ. ބީއެމްއެލްގެ ފުރަތަމަ ސަބްސިޑަރީ ކުންފުންޏަކީ މި އަހަރު އެ ކުންފުނީގެ ދަށަށް ބަދަލުކުރި ކުރީގެ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އެވެ.
ބީއެމްއެލް އިން ވަނީ އެސްޑީއެފްސީ ރީބްރޭންޑްކޮށް، އެސްއެމްއީ ޑިޖިޓަލްއަށް ދާދިފަހުން ބަދަލުކޮށްފަ އެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީން ވަނީ 3،000 ފްލެޓް އިމާރާތް ކުރުމަށް ބޭނުންވާ ބިން ހުޅުމާލެ 1 އާއި ހުޅުމާލެ 3 އަދި ވިލިމާލެ އިން އެ ބޭންކަށް ހަމަޖައްސައިދީ، އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި 3،000 ފްލެޓްގެ މަސައްކަތް ކުރާނީ އެ މަޝްރޫއުއަށް ހާއްސަކޮށްގެން އުފައްދާފައިވާ އެ ބޭންކުގެ ފުރިހަމަ ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް" އިން ކަމަށެވެ.
ޝަރީފް ވިދާޅުވީ، އެ ބޭންކުގެ ސަބްސިޑަރީން ހައުސިން ޔުނިޓުތައް ތަރައްގީކުރުމަށް ފަހު ދޫކުރާނީ، ކުއްޔަށް ދޭ މުއްދަތު ހަމަވުމުން މިލްކު ކުރެވޭ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ މޮޑެލް ބޭނުންކުރުމުން ވަރަށް ބޮޑަށް ޚަރަދު ކުޑަވާނެ ކަމަށާއި ބޭންކަށް އޮންނަ ހިރާސްތައް ވެސް ކުޑަވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެ ސްކީމްގައި ރާއްޖޭގައި ހުރިހާ ބޭންކަކުން ބައިވެރިވުމަކީ ލާޒިމްކަމެއް ކަމަށެވެ. އެހެންކަމުން ގައުމީ ބޭންކްގެ ހައިސިއްޔަތުން މިހާތަނަށް ރާއްޖޭގައި ބޭންކްތަކުން ދޫކޮށްފައިވާ ލޯނުގެ 52 އިންސައްތަ ހިއްސާކުރާ ބޭންކްގެ ހައިސިއްޔަތުން އެކަމުގައި ވަަރަށް ބޮޑަށް ޒިންމާދާރުވާންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން އަވަސްވެގަތީ އެކަމަށް ތައްޔާރުވުމަށް ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން އެމްއެމްއޭގެ ގަވައިދުގެ ދަށުން ހުއްދައާއިއެކު ސްބްސްޓިޓިއުރީ އުފެއްދެވި ކަމަށާއި އެ ކުންފުނީގެ ބޭނުމަކީ ހައުސިން ޔުނިޓްތައް ތަރައްގީކުރުމަށްފަހު އެ ތަންތަން ކުއްޔަށް ދިނުން ކަަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެ ކުލީގެ މުއްދަތު ހަމަވުމުން އެ ފަރާތަކަށް އެތަން ހިބަވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބީއެމްއެލްއަކީ އަބަދުވެސް ބާރު ސްޕީޑުގައި މަސައްކަތްތައް ނިންމާ ބޭންކެއް ކަމަށާއި، އެގޮތުން މި މަޝްރޫއު ވެސް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ.