މި މުބާރާތަކީ 45 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މިނިސްޓްރީން ބުނީ މި މުބާރާތް އޮންނާނީ އަންނަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ރ. ދުވާފަރުގައި ކަމަށެވެ.
މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ ސަގާފަތުގެ ތެރެއިން މަޑުމަޑުން ގެއްލެމުންދާ މަސް ކެނޑުމުގެ ހުނަރު ދިރުވައި އާލާކުރުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސް ކެނޑުމަކީ ވެސް މުހިންމު މަސައްކަތެއްކަން އާންމުންނަށް އަންގައިދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. ދިވެހި ސަގާފަތް ދެމެހެއްޓުމަށް ބާއްވާ މި މުބާރާތުގައި ދެ ޖިންސުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އެވެ.
މި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އެގޮތުން، އެއްވަނަ އަށް 3000 ރުފިޔާ، ދެވަނަ އަށް 2000 ރުފިޔާ އަދި ތިންވަނަ އަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2025 ނޮވެންބަރު މަހުގެ 27 ގެ ކުރިން މިނިސްޓްރީން އާންމުކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ނަން ނޯޓުކުރަން ޖެހޭނެ އެވެ.