ޕީއެންސީން ބާއްވާ ބޮޑު ޖަލްސާ އޮންނާނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗުގައެވެ.
ފުލުހުން ބުނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކާ ގުޅިގެން މިއަދުގެ 18:00 އިން ފެށިގެން ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންސްފައިވާކަމަށެވެ.
އެގޮތުން ސަލްމާން މިސްކިތާއި ހަމައިން ރައީސް ޔާމީންގެ ގެ ހުންނަ ހިސާބަށް އެއްވެސް އުޅަނދަކަށް ނުވަދެވޭނެކަމަށް ފުލުހުން ބުނެއެވެ. އަދި ހެންވޭރު ދަނޑުގެ އިރުން ފެށިގެން ބޮޑުތަކުރުފާނު މަގާއި ހަމައަށް މަޖީދީމަގުން އޮންނަ ސަރަހައްދުވެސް އެެއްކޮށް ބަންދުވާނެކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން ސޯސަން މަގުން ފެށިގެން އިރަށް މަޖީދީމަގާއި ވަށއިގެންވާ ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.
ވެރިކަން ކުރާ ޕީއެންސީން މިރޭ ބާއްވާ ޖަލްސާއަށް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މީހުން ވަނީ ގެނެސްފައެވެ. މި ގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު، އޭ330-200، ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ، ގަމަށް ދަތުރުކޮށް ޖަލްސާގައި ބައިވެރިވުމަށް މީހުން ވަނީ ގެނެސްފައެވެ.
މީގެއިތުރުން ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް ޗާޓަރު ފްލައިޓްތައް ބާއްވާ މީހުން ވަނީ މާލެ ގެނެސްފައެވެ.