ads
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ފުވައްމުލަކު ސާފު ފެން ލިބޭނެކަމަށް ބުނެ ކުއްލި މައްސަލައަށް ފުރުސަތު ނުދިން
ފުވައްމުލަކު ސިޓީން ސާފު ފެން ނުލިބޭ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަަށްް ވިދާޅުވެ އެކަމާ ގުޅިގެން މަޖިލީހަށް ހުށައަޅަން އުޅުނު ކުއްލި މައްސަލައަށް ފުުރުސަތު ދޭން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެކޮޅު ހައްދަވައިފިއެވެ.
Advertisement

ފުވައްމުލަކު ސިޓީން ސާފު ފެން ނުލިބޭ ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަޅަން ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމްއެވެ.

މި މައްސަލަ ހުށައަޅަން ފުރުސަތު ދިނުމުގެ ބަދަލުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ ފުވައްމުލަކު ސިޓީން ސާފު ފެން ނުލިބޭކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫންކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ އެކަމާއި ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނުގައި ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަހުލީލުކޮށްފައިވާކަމަށް ބުނެފައިވާކަމަށެވެ. މި ތަހުލީލުތަކުން ނަތީޖާ ދައްކާގޮތުން މި ފެނަކީ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެެނެއްކަމަށް އެމްއެފްޑީއޭ އިން ބުނެފައިވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. 

" ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގައި ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށައެޅޭ ކަމަކަށް ވާން ވާނެކަމަށް ބަޔާންކޮށްފައިވާތީ އިއްޒަތްތެރި މެމްބަރު ފޮނުއްވާފައިވާ މައްސަލާގައި ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މި ދެންނެވި ޝަރުތު ފުރުހަމަ ނުވާތީ މި މައްސަލަ ކުރިޔަށް ނުގެންދެވޭނެ ވާހަކަ ދަންނަވަން" ކުއްލި މައްސަލަ ބަލައި ނުގަންނަން ނިންމަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ފެން ތަގައްޔަރުވެގެން  މިދިޔަ ހޯމަދުވަހުން ފެށިގެން ފުވައްމުލަކު ސިޓީން ފެނުގެ ހިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު ފެން ލިބެން ފެށީ ބުރާސްފަތި ދުވަހުއެވެ. އެއާއި އެކު އަކުން ދޫކުރު ފެން ސާފު ނޫންކަމަށް ބުނެ އެ ސިޓީގެ ރައްޔިތުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި  ރަށުން ލިބެމުން އަންނަ ފެންކަމަށް ބުނެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފައެވެ. 

އެ ފޮޓޯތައް ފެންނަ ގޮތުން މިހާރު ދޫކުރަމުންދާ ފެން ހުރީ ވަރަށް ބޮޑު ކިލަނބުކޮށެވެ. ބައެއް ފޮޓޯތަކުން ފެންނަ ގޮތުން ފެން ހުރީ އެއްކޮށް ހުދު ކުލައިގައެވެ.

މި ކަމާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އަމިއްލައަށް ސާމްޕަލް ނަގާ ފެން ތަހުލީލުކުރަން ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް