ads
މާލޭ ވިޔަފާރި ބަނދަރު: އެ ބަނދަރުގައި ކޮންޓޭނަރު ސްކޭނަރު ހަރުކުރަން 51 މިލިއަން ބޭނުންވާ ކަމަށް ކަސްޓަމްސް އިން ބުނޭ - ފޮޓޯ: އެމްޕީއެލް
ކޮންޓޭނަރު ސްކޭނާ ހަރުކުރަން 51 މިލިއަން ރުފިޔާ ބޭނުންވޭ: ކަސްޓަމްސް
މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓޭނަރު ސްކޭނު ކުރާ މެޝިނެއް ބަހައްޓަން ޖުމްލަ 51 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ކަސްޓަމްސް އިން ބުނުމުން ބަޖެޓު ކޮމިޓީގައި މިއަދު އެކަމާމެދު މަޝްވަރާކޮށްފި އެވެ.
Advertisement

މާލެ ވިޔަފާރި ބަނދަރުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާކުރުމަށް ކޮންޓެއިނަރު ސްކޭނާ ހަރުކުރުމުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ބަޖެޓު ދިސާރާ ކުރާ ކޮމިޓީން މިއަދު ވަނީ، ކަސްޓަމްސްއާއި އެމްޕީއެލްގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީއާ ހަވާލާދީ، އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، އެ ސްކޭނަރު ގަތުމަށް މި އަހަރު ކަސްޓަމްސްއަށް 15 މިލިއަން ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެފަހުން، އެކަމާ ގުޅިގެން ކަސްޓަމްސްގައި ސުވާލުކުރުމުން އެ ފައިސާ ނުލިބޭ ކަން އެނގިފައިވާ ކަމަށާއި އެއީ، ކަސްޓަމްސްއިން އެ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީ ނުފޮނުވާތީ ކަމަށް ސަލީމް ވިދާޅުވި އެވެ.

އެ ކޮމިޓީގައި, ކަސްޓަމްސްގެ ބަޖެޓުގެ ކަންކަން ބެލެހެއްޓުމުގައި އުޅުއްވާ ޗީފް ސުޕްރިޓެންޑެންޓު އަބްދުﷲ އަލީ ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު 30ގައި ފިނޭންސް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމެއްގައި އެ ފައިސާގެ ވާހަކަ ބުނެފައި އެބަ އޮތް ކަމަށެވެ.

"ލަފާކުރެއްވި ގޮތުގައި އެ ސްކޭނާ ގަންނަން 51 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ބޭނުންވޭ" ޗީފް ސުޕްރިޓެންޑެންޓު އަބްދުﷲ އަލީ ވިދާޅުވި އެވެ.

ކަސްޓަމްސް އިން މިއަދު ކޮމިޓީގައި އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި ސްކޭނަރުގެ މެއިންޓެނަންސް އަށް އަހަރަކު ލައްކައެއް ނުވަތަ ދެ ލައްކަ ޑޮލަރު ހަރަދުވާނެ އެވެ. ނަމަވެސް، އެ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ސްކޭނަރު ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ކަމަށް ކަސްޓަމުން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން، ސްކޭނަކަށް 1،000ރ، ގެ މަގުން ފައިސާ ނަގައިފިނަމަ އަހަރަކު މިހާރު ކްލިއާ ކުރާ 60،000 އެއްހާ ކޮންޓޭނަރުން 60 މިލިއަނެއްހާ ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން މިއަދު ފާހަގަކުރި އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އަބްދުﷲ މަފާޒް ވިދާޅުވީ، ކޮންޓެއިނާ ސްކޭނަރު އިންސްޓޯލް ކުރުމުން، ކަސްޓަމްސްގެ މަސައްކަތްތައް ފޯކަސް ކުރަން ޖެހޭ ކަންކަން ވެސް އިތުރަށް ސާފުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އެތެރެކުރާ ހުރިހާ މުދަލެއް ސަތޭކަ ޕަސެންޓު އެ އިދާރާ އަށް ނުބެލޭނެ ކަމަށާއި އެކަން އެ ގޮތަށް ނުވެސް ވާނެ ކަމަށެވެ.

ކަސްޓަމްސްއިން ކޮންޓެއިނަރު ސްކޭނަރެއް ގެންނަން އުޅޭއިރު، ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ކަސްޓަމްސްއާއި އެމްޕީއެލްގެ މުވައްޒަފުން ވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް