އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ އެކި ތަންތަނުގައި އިވެންޓް އަދި ފެއާ ބޭއްވުމަށް އެ ކުންފުނިން ނަގަން ޖެހޭ ހުއްދަ ނެގުމަކާއި ނުލައި، ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން އެ ކުންފުނީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
ހުޅުމާލޭގައި ބާއްވާ އިވެންޓަކަށް ސްޓޯލެއް ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީގެ ހުއްދަ އޮތް ބައެއް ކަން ޔަގީން ކުރުމަށް އެ ކުންފުނީގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަންގެ ނަންބަރު 3336112 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.
އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި، އެގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް އިއުލާނުގައި ވެއެވެ.
މީގެ އިތުރުން، މި އަހަރުގެ މެއި މަހުގެ 14އިން ފެށިގެން، ހުޅުމާލޭގައި ފެއާ ނުވަތަ މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައިވާކަން ވެސް އެޗްޑީސީން ހަނދާންކޮށްދީފައި ވެއެވެ.
އެ ކޯޕަރޭޝަނުގެ ހުއްދަ ނުނަގައި ހުޅުމާލޭގައި އިވެންޓުތައް ބާއްވަން ސްޓޯލްތައް ވިއްކުމުގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެ، އެކަމަށް ސަމާލުވުމަށް މީގެ ކުރިން ވެސް އެޗްޑީސީން އެދިފައި ވެއެވެ.