އިނާޒް މިފަދައިން ވިދާޅުވެފައި މިވަނީ އެމްއެމްއޭ އިން ޕެންޝަން އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް (2.5 ބިލިއަން ރުފިޔާ) ވިއްކުމުގެ މުއާމަލާތެއް ހިންގަން ޕެންޝަން އޮފީހުގެ ބޯޑުން މިފަހުން ފާސްކުރުމުން އިދިކޮޅުން އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި އެވެ.
އިނާޒް މިއަދު އެކްސްގައި ލިއުއްވީ ޕެންޝަން އޮފީހާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ޕޮލިސީތައް އަދި އެތެރޭގެ އުސޫލުތަކާ ވެސް ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ޕެންޝަން ފަންޑުން އެ ފައިސާ ފިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓް ކުރުމަކީ ހަރަދަށް ޒިންމާވުމުގެ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ފައިސާ ޗާޕް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި، ފައިސާ ޗާޕްނުކޮށް 2.5 ބިލިއަން ރުފިޔާގެ ޓީ ބިލް ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭ އިން ގަންނަ ވަރުގެ "ޖެނެރަލް ރިޒާވް" ގެ ގާބިލް ކަމެއް ނުހުންނާނެ އެވެ.
އެމްއެމްއޭގެ ގާނޫނުގައި ބުނާ ފައިސާ ޗާޕުކުރުމުގެ މާނައަށް ނުފެތޭ މުއާމަލާތެއް ނަމަވެސް، ނުސީދާ ގޮތުން ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ މެދުވެރިކޮށް ނަގާ ފައިސާއަކަށް ވާތީ މަނީ ބޭސް އިތުރުވެ އެވެ. އަދި ސަރުކާރުގެ ޑެފިސިޓު ފައިނޭންސް ކުރަން މި ފައިސާ ބޭނުންކުރެވެ އެވެ. އެހެންކަމުން އެ ޗާޕުކުރެވެނީ ފައިސާ ކަމަށް އިގުތިސޯދީ ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ނަމަވެސް ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ސަރުކާރުން އަދިވެސް އެއްބަހެއް ނުވެ އެވެ. ބައެއް ނޫސްތަކަށް ސަރުކާރުގެ އިސް ވެރިން ދިން އިންޓަވިއުތަކުގައި ބުނަނީ ކުރަން އުޅޭ ކަމަކީ އިންވެސްޓެއް ކަމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ މިއީ ރައްކާތެރި މުއާމަލާތެއް ކަމަށް ބުނެފަ އެވެ. އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އަދި ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށާއި އެއީ ފައިސާ ޗާޕް ކުރުން ވެސް ނޫން ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.
އެއީ މި ސަރުކާރުގައި ފައިސާ ޗާޕް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފަށް ފައިސާ ޗާޕް ކުރުން ނޫން ކަމަށާއި މިއީ ރޭވިގެންވާ ހިންގާ "އިންވެސްޓްމަންޓް އެރޭންޖްމަންޓެއް" ކަމަށް ފިނޭންސް މިނިސްޓްރީން މި ހަފުތާގައި ބުނެފައި ވެ އެވެ. އަދި އޭގެ ސަބަބުން ޕެންޝަން ފަންޑަށް ރައްކާތެރި "ސަރުކާރުގެ އިންސްޓްރޫމަންޓެއް" ގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފިނޭންސްއިން މިހެން ބުނި ނަމަވެސް އެ މުއާމަލާތް ހިންގީ މާލިއްޔަތު ގާނޫނާއި ޕެންޝަން އޮފީހުގެ އެތެރޭގެ އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ވިދާޅުވެ، ޕެންޝަން ބޯޑުން އަހުމަދު ސަރުވަޝް މިފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ، ވެސް މިފަހުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.