ދިވެހިރާއްޖޭގެ ޑިޖިޓަލް ތަރައްގީއަށް އިންގާލާބީ ބަދަލެއް ގެނެސް، ބައިނަލްއަޤްވާމީ މުވާސަލާތީ މަރުކަޒަކަށް ރާއްޖެ ހެދުމުގެ މަގްސަދުގައި، ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރަން ނިންމިކަން ރޭ ވަނީ ހާމަކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމަދީ ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި އާ ކަނެކްޓިވިޓީ ހަބެއް ގާއިމުކުރުމަށް ގޫގުލްއާއެކު ޕާޓްނަޝިޕް ހެދުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި މަޝްރޫއުގެ ސަބަބުން ގައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، ޑިޖިޓަލް ޓްރާންސްފޯމޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ވަރުގަދަ ފިޔަވަޅުތަކެއް އެޅިގެންގޮސްފައިވާ ކަމުގައި އެވެ.
އުރީދޫ މޯލްޑިވްސް އިން ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއާއި ޑިޖިޓަލް ހިދުމަތްތައް މުޅި ރާއްޖޭގައި ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދާކކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މި ކުރިއެރުންތަކުގެ ސަބަބުން ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމުގަ އެވެ.
ގޫގުލް އިން އައްޑޫ ސިޓީގައި އިންވެސްޓުކުރުމަށް ތައްޔާރުވާން އުޅޭކަން އިއުލާންކޮށް އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ، ގޫގުލްއިން ރާއްޖޭގައި އިންވެސްޓުކުރުމަށް ނިންމުމުން އެކަމަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އެއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ވަޑައިގެން، ގޫގުލްގެ އިސް ވެރިންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު، ގޫގުލްއިން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގޫގުލް އިން އިންވެސްޓްކޮށްގެން ހިތަދޫގައި ގާއިމުކުރާ ލޭންޑިން ފެސިލިޓީ ވެގެން ދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލްކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖެ ވެގެން ދާނީ އޭޝިއާ، އޯޝޭނިއާ، މެދުއިރުމަތި، ޔޫރަޕް އަދި އެފްރިކާ ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއަކަށް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށާއި އަދި ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް އަދި، ޓެކްނޮލޮޖީ ސްޓާޓް-އަޕްސް ފަދަ ދާއިރާތައް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދޭ ކަމަށެވެ.
މި މަޝްރޫއަކީ އިގުތިސޯދު ސިންދަފާތުކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ދެކެ އެވެ.
މިނިސްޓްރީން ބުނީ މި އިންގިލާބީ މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާ އެކު ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިދެވޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.