ހޮޓެލް ޖެންގައި ބޭއްވި މި މެންދުރުގެ ކެއުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސްޕޯޓްސް މިނިސްޓަރު އަބްދު ﷲ ރާފިޢުއާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހްމަދު ތާރިގު ބައިވެރިވެވަޑައިގެންނެވިއެވެ.
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ފަލަސްތީނު ޓީމު މިހާރު ތިބީ ޓްރެއިނިން ކޭމްޕެއްގައި ރާއްޖޭގައެވެ. މި ދަތުރުގައި އެޓީމުން ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ.
ފަލަސްތީނު ޓީމުން 10 ދުވަހުގެ ކޭމްޕެއް ނިންމުމަށްފަހު ދެން ދާނީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ. އެ މުބާރާތުގައި ފަލަސްތީނު ކުޅޭ މެޗުގެ ސްވެނިއާ ޓިކެޓް ރައީސް މުއިއްޒު ވަނީ ބައްލަވައިގެންފައެވެ.
އެފްއޭއެމް އިން އިސްނަގައިގެން ވިއްކަމުން އަންނަ މި ސްވެނިއާ ޓިކެޓުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ، ހަނގުރާމައިގެ ތެރޭގައި ފުޓްބޯޅަ އަލުން ބިނާކޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށެވެ.