ads
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފް އެ ބޭންކުގެ ހަފުލާއެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ބީއެމްއެލް
މާލީ ހާލަތު ރަނގަޅު؛ މި އަހަރު ވާނީ ބީއެމްއެލްގެ ރެކޯޑު އަހަރަކަށް: ޝަރީފް
މި އަހަރު ނިންމާލާނީ މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހުރިހާ ގޮތަކުން ވެސް އެންމެ ކާމިޔާބު އެއް އަހަރުގެ ގޮތުގައި ކަމަށް އެ ބޭންކުގެ ސިީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ގެނެސްދިން ހަފްތާ104 ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ، ބޭންކުގެ ސްޓްރެޓެޖިކް ޕްލޭނަކީ ވިޔަފާރި އިތުރަށް ފުޅާކުރުން ކަމަށާއި އެއާ އެކު އަންނަ އަހަރު ބޭންކަށް ލިބޭ ފައިދާ މި އަހަރަށް ވުރެ ވެސް ބޮޑުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ތިން ވަނަ ކުއާޓަރާ ހަމައަށް ބޭންކުގެ މާލީ ހިސާބުތަކުން ވެސް މި އަހަރަކީ ބޭންކަށް ރެކޯޑު އަހަރަކަށް ވާނެކަން ފެންނަ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

"މި ދެންނެވީ ބޭންކަށް ލިބޭ ފައިދާގެ ގޮތުގައި ވެސް، ބޭންކުގެ ފައިނޭންޝަލް ރޭޝިއޯތަކަށް ބެލިޔަސް އެންމެ ރަނގަޅު، ވަރުގަދަ އެއް އަހަރުގެ ގޮތުގައި މި އަހަރު ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އަށް އަމާޒުވާ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވަމުން ޝަރީފް ވިދާޅުވީ، އެ ބޭންކު ހިންގަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރޭގައި ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކުން ބޭރު ނުވާ ކަމުގެ ކަށަވަރުކަން ދެއްވި އެވެ.

"މިކަން އެންމެ ބޮޑަށް ޔަގީން ކުރެވޭނީ އަޅުގަނޑުމެންގެ އޮޑިޓުން. އަޅުގަނޑުމެންނަކީ އަހަރަކު އެއްފަހަރު އޮޑިޓްކުރާ ކުންފުންޏެއް. މިހާރު ވެސް އޮޑިޓް އެބަދޭ އަހަރު ނިމޭތީވެ. އެނުއަލް ޖެނެރަލް މީޓިން އޮވޭ. އަޅުގަނޑުމެން ހިއްސާދާރުންނަށް ޒިންމާވަން. އެ ހުރިހާ މައުލޫމާތެއް އޭޖީއެމްގައި ވެސް ހުށަހަަޅަން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ބީއެމްއެލްގެ އަމާޒަކީ ރާއްޖެއިން ބޭރުގައި ބޭންކުގެ ކަސްޓަމަރުން ކުރާ ވިޔަފާރިތަކުގައި ވެސް ކާޑު ބޭނުންނުކޮށް ޓްރާންސެކްޝަން ހެދޭ ފެންވަރަށް ބޭންކުގެ ޑިޖިޓަލް ވިއުގަ ފުޅާކުރުމެވެ. ކުރު މުއްދަތެއްގެ ތެރޭ އެ އަމާޒު ހާސިލްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލްގެ މާލީ ނަތީޖާތަކަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ 791 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ.

ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުން އަންނައިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައި ވެ އެވެ.

ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބީއެމްއެލްގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ. އަދި ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށް ވުރެ މަތީގައި ވަނީ ދަމަހައްޓައިފަ އެވެ.

މީގެ އިތުރުން، މިދިޔަ ކުއާޓަރުގައި ބީއެމްއެލްއިން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފަ އެވެ. މި ނިންމުމާ އެކު، އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ހިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ހިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް