ކޮމެޓީން ބަޖެޓް ފާސްކޮށްފައި ވަނީ ޖުމްލަ އަދަދަށް އެއްވެސް ބަދަލު ގެނައުމެއް ނެތި އެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރަން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވުމުން، އެގޮތަށް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.
ބަޖެޓުގެ މަސައްކަތް ކޮމެޓީ އިން ކުރިއަށް ގެންދިޔައިރު ބައެއް މުވައްސަސާތަކުން ބަޖެޓަށް ބަދަލުތައް ގެންނަން ހުށަހެޅި ނަމަވެސް އެ ބަދަލު ގެނެވެން ނެތްކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެހެން އިދާރާތަކަށް ދިމާވާ ބަޖެޓްގެ ދަތި ކަމަށް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓް ތެރެއިން އަންނަ އަހަރު ބަޖެޓް ދޫކުރާނެ ކަމަށެވެ.
މި ބަޖުޓު ފަރުމާ ކޮށްފައިވާނީ މާލީ ހަރުދަނާކަން އިތުރުކޮށް ދިވެހިންނައް ހަގީގީ މާނައިގައި ތަރައްގީ ގެނެވޭނެ ގޮތަކަށް ވިސްނައިގެން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ޓްކެސްގެ ގޮތުގައި މި އަންނަ އަހަރު 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އިރު ޓްކެސް ނޫން ފައިސާގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައި އެވެ.
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ބަޖެޓް ހުށައަޅުއްވަމުން އަންނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި (ހިލޭ އެހީއާ އެކު) 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު ދައުލަތުން ހަރަދުވާނީ 49.4 ބިލިއަން ރުފިޔާކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ. އޭގެތެރެއިން ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާނީ 9.3 ބިލިއަން ރުފިޔާއެވެ.
ޖުޑީޝަރީއަށް ގްރާންޓްގެ ގޮތުގައި 809 މިލިއަން ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި އަންނަ އަހަރު %5.3 ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި 2026 އާއި 2028އާ ދެމެދު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެވަރޭޖު ގޮތެއްގައި ހުންނާނެ ކަމަށް ލަފާކުރެވެނީ %4.9 އެވެ.
ބަޖެޓް ހުށައަޅޫއްވަމުން ޒަމީރު ވިދާޅުވީ ބަޖެޓުގައި 9.3 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދަށް ކަމަށެވެ. އެއީ 2021 ގައި ސަރުކާރުން އިޝޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭގެ ކުރިން އިޝޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށްކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.