މާލެ ސަރަޙައްދުގައި ގާއިމުކުރެއްވި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު، ހުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ސެންޓަރު ހުންނަނީ ރަސްފަންްނު ސަރަހައްދުގައި ހުންނަ އެސްޓީއޯގެ ހެޑް އޮފީސް ކައިރީގައިއެވެ. މި ސެންޓަރު އެޅުމުގެ ކޮންޓްރެކްޓަރަކީ ވޭސްޓްމެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑެވެ.
މި ސެންޓަރުގެ ހިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.
މީގެ އިތުރުން އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓާކޮށް، ވެކްސިން ދިނުން ފަދަ ހިދުމަތްތައް މި ސެންޓަރުން ދޭނެކަމަށް ސަރުކާރުން ބުނެއެވެ. ހަމައެއާއެކު ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ހިދުމަތްވެސް މި ސެންޓަރުން ލިބޭނެކަމަށް ސަރުކާރުން ބުނެއެވެ.
މިފަދަ އިތުރު 5 ސެންޓަރު މާލޭ ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ހަދާނެކަަމަށް ސަރުކާރުން ބުނެއެވެ.