ކައުންސިލުން އިއްޔެ މި ނިންމުން ނިންމާފައި ވަނީ، އެ ބިމުން ލިބޭ ކުލީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 1.1 މިލިއަން ރުފިޔާގެ އާމްދަނީ ކައުންސިލަށް ލިބޭ ގޮތަށް ޝަރުތުކުރުމަށްފަހުގައެވެ.
މިކަމާ ގުޅިގެން ބޭއްވި ކައުންސިލްގެ ރަސްމީ ޖަލްސާގައި ފާސްކޮށްފައިވަނީ ގޫގުލްގެ މަޝްރޫއަށް 15،000 އަކަމީޓަރުގެ ބިމެއް ދޫކުރުމަށެވެ. ކުރިން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށުގައި އޮތް މި ބިން، ގޫގުލްގެ ޕްރޮޖެކްޓަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ. ކައުންސިލްގެ ޓްރާންސްޕޯޓް ކޮމިޓީން މިކަން ދިރާސާކުރުމަށްފަހު ނިންމާފައިވަނީ، ބިން ދޫކުރުމުން ލިބޭ ފައިސާ އައްޑޫގެ ތަރައްގީއަށް ކައުންސިލަށް ލިބެން ޖެހޭނެ ކަމަށެވެ. ކައުންސިލަރު ހުސައިން ޒަރީރު ފާހަގަކުރެއްވި ގޮތުގައި މި ބިމަކީ މަހެއްގެ މައްޗަށް 1.1 މިލިއަން ރުފިޔާ ލިބޭނެ ބިމެކެވެ.
މި މަޝްރޫއަކީ 2024 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެވެ. "ދިވަރު" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ސްޓޭޝަނާ އެކު، ރާއްޖެއަކީ ޔޫރަޕާއި އޭޝިއާ އަދި އެފްރިކާ ގުޅުވައިދޭ ޑިޖިޓަލް ގޭޓްވޭއަކަށް ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހަރުދަނާވެ، އިންޓަނެޓްގެ ހިދުމަތް ފުޅާވެގެންދާނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.