މި މަސައްކަތުގެ ދަށުން، މައުލޫމާތު ނެގުމަށް ބޭނުންކުރާ ހާއްސަ އާލާތްތައް މިހާރު ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކޮށްފައެވެ. މިއީ ސަރުކާރުން ކަނޑައަޅާފައިވާ ހަކަތައިގެ 33 ޕަސަންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އަމާޒު ހާސިލުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ބަހައްޓާފައިވާ އާލާތްތައް މެދުވެރިކޮށް އެ ސަރަހައްދުތަކުގެ މޫސުމާއި، ކަނޑުގެ ރާޅުގެ ހާލަތުގެ އިތުރުން ތިމާވެއްޓާ ގުޅުންހުރި މުހިންމު މައުލޫމާތުތައް އެއްކުރެވޭނެއެވެ. ކަނޑު ފަަޅުތަކުގައި ނުވަތަ ފެނުމަތީގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއުތައް ރާވައި ހިންގުމުގައި، އެންމެ އެކަށޭނަ އަދި ރައްކާތެރި ސަރަހައްދުތައް ކަނޑައެޅުމަށް މި ދިރާސާތަކުން ލިބޭ މައުލޫމާތަކީ ކޮންމެހެން ބޭނުންތެރި މައުލޫމާތުތަކެއް ކަމަށް އެ އޮފީހުން ބުންޏެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށް ހިންގާ "އެސުއާރ" މަޝްރޫއުގެ ދަށުންނެވެ. މި މަޝްރޫއަކީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުކޮށް، ގައުމީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބަޔެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ފާހަގަކުރެއެވެ.