އެ މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 978 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރު އެ އަދަދު ވަނީ ދެގުނަ ބޮޑުވެފައެވެ.
ގްރީން ޓެކުހަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގްސަދުގައި ނަގާ ޓެކުހެކެވެ. މި ޓެކްސް ނަގަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކަށް އަންނަ ޓޫރިސްޓުންގެ އަތުންނެވެ. މީގެ ތެރެއިން ރިސޯޓުތަކާއި ހޮޓާތަކުން 12 ޑޮލަރު އަދި ގެސްޓް ހައުސްތަކުން 6 ޑޮލަރު ނަގާއިރު، އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން މި ޓެކުހުން އިސްތިސްނާވެއެވެ. ގްރީން ޓެކުހަށް ރަޖިސްޓްރީވެފައިވާ ތަންތަނުން ކޮންމެ މަހަކު ވެސް ގަވާއިދުން މި ފައިސާ މީރާއަށް ދައްކަން ޖެހެއެވެ.
ގްރީން ޓެކްސްގެ އާމްދަނީ މިހާ ބޮޑަށް އިތުރުވެފައި މިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ޓޫރިޒަމް ސިނާއަތް ކުރިއަރަމުން އަންނާތީއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް 1.9 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9.9 ޕަސަންޓުގެ ކުރިއެރުމެކެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.