މި ތަކެތި ދައްކާލާފައިވަނީ މިދިޔަ އަންގާރަ ދުވަހު، ވެރިރަށް އެންޓަނަނަރިވޯގައި ހުންނަ ރިޔާސީ ގަނޑުވަރު، އެމްބޮހިޓްސޮރޮހިޓްރާ ޕެލަސްގައެވެ. ކަޅުކުލައިގެ ބޮޑު ހިލަގަނޑެއްހެން ފެންނަ މި އެއްޗަކީ، އޭގެ ތެރޭގައި ފެހިކުލައިގެ ރީތި "ކްރިސްޓަލް"ތައް ހިމެނޭ "އެމަރަލްޑް އިން މެޓްރިކްސް" އެއް ކަމަށް އޮފިޝަލުން ބުންޏެވެ.
މަޑަގަސްކަރައިގެ ރިޔާސީ ގަނޑުވަރުން ފެނުނު ޖަވާހިރު
މި ޖަވާހިރު ފެނިފައިވަނީ އެ ގައުމަށް ގެނައި ސިޔާސީ ބަދަލުތަކަށްފަހު އައު ވެރިން ގަނޑުވަރަށް ވަދެވަޑައިގަތުމުންނެވެ. އެ ތަކެތި ގަނޑުވަރަށް ގެނައީ ކޮން އިރަކު ކަމެއް ނުވަތަ ކީއްވެ ކަމެއް ސާފު ނުވާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. އެ ގައުމުގެ އިސް އޮފިޝަލެއް ކަމަށްވާ ކާނަލް މައިކަލް ވިދާޅުވީ މިއީ ގައުމީ ހަޒާނާއެއް ކަމަށެވެ. އަދި މިހާ ބޮޑު ހިލަގަނޑެއްގެ ތެރޭގައި އެކުލެވޭ އަސްލު އެމަރަލްޑްގެ ސައިޒާއި ކޮލިޓީ ދެނެގަތުމަށް ތަޖުރިބާކާރުންގެ އެނަލިސިސްއެއް ހަދަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާއްސަ ޖަވާހިރު ވިއްކާލުމަށްފަހު، އެއިން ލިބޭ ފައިސާ ދައުލަތުގެ ހަޒާނާއަށް ޖަމާކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. އަދި މިކަން ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އަސްކަރީ އޮފިޝަލުން ވައުދުވިއެވެ. އެ ގައުމުގެ މައިންސް މިނިސްޓަރު ކާލް ވިދާޅުވީ، މިފަދަ ގުދުރަތީ ގޮތަކަށް އުފެދިފައިވާ އެމަރަލްޑެއް ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި، މީގެ ކުރިން މެޑަގަސްކަރައިން މިފަދަ އެއްޗެއް ފެނުނު ކަމުގެ ރެކޯޑެއް ނެތް ކަމަށެވެ.