މިއަދު ފާހަގަކުރާ އިންޓަނޭޝަނަލް ކުޑަކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކުޑަކުދިންނަކީ ގައުމުގެ އުންމީދު ކަމަށާއި، އެ ކުދިންނަކީ ފާގަތި މުސްތަގުބަލެއްގެ ބިންގާ ކަމަށެވެ.
ރައީސްގެ މެސެޖުގައި ވަނީ ކުދިންގެ ހުނަރާއި ގާބިލުކަމުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހާއްސަ މެސެޖެއް ދެއްވާފަ އެވެ. މެޑަމް ސާޖިދާގެ މެސެޖުގައި، ކުޑަކުދިންގެ ވާހަކަތައް ކަނުލައި އަޑުއަހައި، އޯގާތެރިކަމާ އެކު އެކުދިންނާ މުއާމަލާތުކުރުމަށް އިލްތިމާސްކުރެއްވި އެވެ.
ކުދިންގެ ޝުއޫރުތަކާއި ހިޔާލުތަކަށް އިހުތިރާމް ކުރުމަކީ އެ ކުދިންނަށް ލިބިދޭން ޖެހޭ ހައްގެއްކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވީ، ކުދިންނަށް ފުރުސަތުތައް ހޯދައިދީ އުންމީދީ މުސްތަގުބަލެއް ބިނާކުރުމަކީ ޖަމާއީ ޒިންމާއެއް ކަމަށެވެ. ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހުގެ 20 ވަނަ ދުވަހަކީ އިންޓަނޭޝަނަލް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހު މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ކުދިންގެ ލާބައަށް މަސައްކަތްކުރުމަށެވެ.