އިދިކޮޅު މައި ޕާޓީ އެމްޑީޕީން މާލޭގެ މޭޔަރުގެ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކުރައްވައި، އާޒިމް ވަނީ މިރޭ އާޓިފިޝަލް ބީޗުގައި ކެމްޕެއިން ލޯންޗްކުރައްވައިފަ އެވެ.
އެ ޖަލްސާގައި އާޒިމް ވިދާޅުވީ މޭޔަރު ކަމަށް ވާދަކުރައްވަނީ ސަރުކާރު ޒިންމާދާރު ކުރަން ކަމަށެވެ. އަދި އެމްޑީޕީގެ ތާއީދާއި އެއްބާރުލުމާއެކު ފަސޭހަ ކަމާއެކު އެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ނުސީދާކޮށް މިހާރުގެ މޭޔަރު އަދި ދެވަނަ ދައުރަކަށް އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އާދަމް އާޒިމަށް ފާޑުވިދާޅުވެ، އަލީ އާޒިމް ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުންނަށް ހައްގު މިންވަރަކީ ކާނުތައް ސާފުކުރުމާއި މާލޭގައި ގަސް އިންދުމާއި ސަހަރާތަކުގައި ހުރި މަހާނަގާތައް ނަގައި، ސަހަރާތައް ހުސްކޮށް އެ ތަންތަނުގައި ހިތްފަސޭހަ މައިޒާނުތައް ތަރައްގީކުރުމެއްނޫނެވެ.
މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަނީ ތަނަވަސް، "އެހެން މާލެ"އެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް އާޒިމް ވިދާޅުވެ، ވަނީ އޭނާ މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ކުރައްވާނެ ބައެއް ކަންކަން ހިއްސާކުރައްވައިފަ އެވެ.
އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އާޒިމް ވެސް ވަނީ އެ ޕާޓީން ވަކިވެ، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ. އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ މި އަހަރުގެ ކުރީކޮޅެވެ.