މިރާއްޖޭގައި މީހުން އުޅޭތާ ދެތިން ހާސް އަހަރު ވެއްޖެ އެވެ. އިސްލާމްވި ކަމަށް ބުނާތާ ވެސް 900 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ހިންގުމެއްގެ ތެރޭގައި ރާއްޖެ ހިންގާތައް އެތައް އަހަރެއް މާޒިވެއްޖެ އެވެ. ރަށްރަށާއި އަތޮޅުތައް ހިންގާފައިވާކަން މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. މިއީ ކަތީބާއި އަތޮޅުވެރިން ލައްވައިގެން ހިންގި ރާއްޖެ އެވެ. އެ އަތޮޅުވެރިންނާއި ކަތީބުން ލައްވައިގެން ހިންގި އިރު، އެ ދެ މީހުންނަށް ލަފާ ދޭނެ ކޮމެޓީއެއް އޮތެވެ.
ޒަމާން ބަދަލުވެގެން އައިސް ރައްޔިތުން އެދުނީ ނުވަތަ ތަންދޮރުދަންނަ މީހުންނަށް ގަބޫލު ކުރެވުނީ އަތޮޅުވެރިކަމާއި ކަތީބު ކަމާއި އަދި އަތޮޅު ކުރިއަރުވާ ކޮމެޓީ އާއި ރަށްކުރިއަރުވާ ކޮމެޓީއަކީ އެ އަތޮޅެއްގެ އަދި އެރަށެއްގެ ސީދާ ރައްޔިތުން އިންތިހާބު ކުރާ ބަޔަކު އެ މަގާމުތަކުގައި ބޭތިއްބުމަށެވެ.
ރައިސް މައުމޫނު ވެރިކަމުގައި އަދި މުހައްމަދު ވަހީއްދީންގެ އެޓޯލްސް މިނިސްޓަރު ކަމުގައި ކުރެވުނު މަސައްކަތަކީ އަތޮޅުވެރިންނާއި ކަތީބުންނަކީ ސީދާ ރައްޔިތުން ވޯޓްލައިގެން ހޮވާ ބަޔަކަށް ހެދުމަށެވެ. އަތޮޅު އަތޮޅު ކޮމެޓީ އާއި ރަށްކުރިއަރުވާ ކޮމެޓީއަކީ ވެސް ސީދާ ރައްޔިތުން ވޯޓްލައިގެން ހޮވާ ބަޔަކަށް ހެދުމަށެވެ.
އަދި އަތޮޅަށާއި ރަށްރަށަށް ހިންގުމުގެ ބާރާއެކު ވަސީލަތްތައް ދީގެން އެ އަތޮޅާއި ރަށްރަށް ބާރުވެރި ކުރުމަކީ އޭރު އެންމެ އިސް އެއް އަމާޒެވެ. މިގޮތަށް ކުރިން ވެސް ރާއްޖެ ހިންގި އެވެ. ނަމަވެސް ގައުމު ހިންގި އިސް މީހާއަށް އެގޮތް ކަމު ނުގޮސްގެން އެ މަގާމުތަކަށް މީހުން އައްޔަނު ކުރަން ފެށީ އެވެ. އެ ފެށިގޮތަށް 2010 ވަނަ އަހަރާ ހަމައަށް އެ ގޮތަށް އަންނަމުންދިޔަ އެވެ. ނަމަވެސް ކުރިން ދެންނެވި ދެ ފަށަލަ އަށް ގެންނަށްވާ ބަދަލުތައް އެ ހިސާބުން ފެށިގެން އަންނަމުން މިދަނީ ރައީސް މައުމޫނުގެ ވެރިކަމުގައި އަތޮޅުތަކާއި ރަށްތައް ހިންގުން ތަރުތީބު ކުރަން ވިސްނި ވިސްނުމާ ދިމާ އިކޮޅަށެވެ. މިކަން ވަރަށް ރަނގަޅަށް މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ.
ށ. އަތޮޅު ކައުންސިލާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ތެދެކެވެ. އަތޮޅާއި ރަށް ހިންގުމަށް ބަދަލު ގެންނަށްޖެހެ އެވެ. ހަމަ އެއާއެކު ރައީސްގެ ޒިންމާ އާއި މަސްއޫލިއްޔަތުތަކަށް ވެސް ބަދަލު އަންނަށްޖެހެ އެވެ. ސަބަބަކީ ޒަމާން ބަދަލުވެ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ކަނޑައަޅާފައި އޮތުމެވެ. 113 މެމްބަރުން ތިބި މަޖިލީހުން ފާސް ކުރި ގާނޫނު އަސާސީގައި ރާއްޖެ ހިންގަން ވާނީ ލާމަރުކަޒީކޮށް ކަމަށް ކަނޑައަޅާފައިވާއިރު ރައީސްގެ މަސައްކަތް އެ އޮތީ ބަދަލުކޮށްފަ އެވެ. އޭނާގެ ބާރުގެތެރެއިން ބޮޑު ބައެއް އެ އޮތީ ޒަމާނާއެއްގޮތަށް ޑިމޮކްރަސީގެ ހަގީގަތަށް ޑައިރެކްޓްކޮށް ރައްޔިތުންނަށް ދީފަ އެވެ. ނަމަވެސް މައްސަލައަކަށް ވެގެން މިއުޅެނީ އެކަން ރައީސްކަމާ ހަވާލުވާ މީހާ އަށް ހަޖަމުނުވުމެވެ.
113 މީހުން ތިބެގެން ފާސް ކުރި ގާނޫނު އަސާސީން ދައްކައިދީފައި އެވަނީ ނުހަނު ރަނގަޅު މިސްރާބެކެވެ. ރައީސަށް ހުރިހާ ބާރެއް ނުދޭން، ރައީސް މައުމޫނުގެ ކޮންޓްރޯލް އޮތް ހާއްސަ މަޖިލީހުން 2007 ވަނަ އަހަރު ފާސް ކުރީ ސަބަބެއް އޮވެގެންނެވެ.
އެއީ އޭރު ވެސް އަދި މިހާރު ވެސް ތަންދޮރުދަންނަ މީހުންނާއި އިލުމާއި ދުނިޔެވި ތަޖުރިބވާއަށް އިލްމުވެރިން ގަބޫލު ކުރާ އުސޫލުން އެކެއްގެ އަތްމައްޗަށް ބާރުތައް ދީފައި އޮތުމަކީ ރަނގަޅު ހިންގުމަކަށް ނުވާތީ އެވެ.
ހިންގުމުގަ އާއި ގޮތް ނިންމުމުގައި ގިނަ ބަޔަކު ބައިވެރި ކުރުމުގެ މަންފާ ގައުމާއި ރައްޔިތުންނަށް މާ ބޮޑުތަނުން ބޮޑުވާނެތީ އެވެ. އަދި ފަސް އަހަރަށް އަންނަ މީހަކު ބޭނުންހާ ގޮތެއް ގައުމަށް ހަދާލުމުގެ ފުރުސަތު ނުދިނުމަށްޓަކަ އެވެ.
ނަމަވެސް މިއަދު މި ދަތުރު ކުރެވެނީ މީގެ 30 އަހަރު ކުރިން ރާއްޖެ އޮތް ހިސާބަށް ރާއްޖެ ގެންދާށެވެ. ރައީސް ލައްވާ އަތޮޅުވެރިޔަކާއި ރައިސް ލައްވާ ކަތީބަކާއި މަޝްވަރާއަށް މަދު މީހުން ގެނައުމާއި ގޮތް ނިންމުމުގައި މަދު ބަޔަކު ބައިވެރިކުރުމަށެވެ.
މީގެ 17 އަހަރު ކުރިން ގާނޫނުއަސާސީ ރައީސް މައުމޫނު ތަސްދީގު ކުރައްވަނީ
ތެދެކެވެ. މިހާރު އޮތް ގޮތުން އަތޮޅާއި ރަށާއި ސަރުކާރު ހިންގުމުގައި ނުހަނު ހަރަދު ބޮޑެވެ. ހައްދެން ނެތްހާ ވެސް ބޮޑެވެ. އެހެން ކަމުން ޖެހެނީ ހަރަދު ކުޑަ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއަށް ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހު ކުރަން ކަން ތިޔަ މިނިސްޓަރަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެވެ.
އެހެން ކަމުން ފުރަތަމަ ކުރަންވި ކަމަކީ ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާ އާއި ވާޖިބު އަލުން ތަރުތީބު ކުރުމެވެ. އެ އަށް ފަހު އެ މަސްއޫލިއްޔަތާއި ޒިންމާ އަދާ ކުރުމަށް ސިޔާސީ މަގާމު އުފެއްދޭނެ މިންވަރު ކަނޑައެޅުމެވެ.
ރައީސްގެ މަސްއޫލިއްޔަތެއް އަދާ ކުރަން ކަމަށް ބުނެ ލައްވަމުންދާ ސިޔާސީ މަގާމުތައް އުފައްދާ މީހުން ލެއްވުން ހުއްޓާލައި، ތިރީގައިވާ ގޮތައް ސިޔާސީ މަގާމުތަކުގެ އަދަދު ކަނޑަ އަޅަންވީ އެވެ.
ކޮންމެ ވުޒާރާއަކަށް އައްޔަނު ކުރެވޭނީ ވަޒީރަކާ ހަވާލު ކުރެވޭ ޕޯޓްފޯލިއޯ އަކަށް ޒިންމާވާނެ ސްޓޭޓް މިނިސްޓަރަކާއި އެ ޕޯޓްފޯލިއޯއަކަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅައި ސިޔާސަތުތައް ހިންގާ ބަލަހައްޓާ ވިލަރެސް ކުރާނެ ޑިޕިއުޓީ މިނިސްޓަރާއި ޕޯޓްފޯލިއޯ އާ ގުޅޭ ގާނޫނާއި ގަވާއިދުތައް ތަންފީޒުކޮށް، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅިގެން ވަޒީރަށް އެހީތެރިވެދޭނެ ޑިޕިއުޓީ މިނިސްޓަރެކެވެ.
މި ނޫން ގޮތަކަށް ސިޔާސީ މަގާމުތައް އުފައްދާ މިނިސްޓްރީތަކުން ވަޒީފާދިނުން ހުއްޓާލަމާ ހިނގާށެވެ. ރައީސް އޮފީހަށް ވެސް ސިޔާސީ މަގާމުގެ ގޮތުގައި ކަނޑައެޅޭނެ އަދަދެއް ކަނޑައަޅަން ޖެހޭނެ އެވެ.
ކުރިން ވެސް އަތޮޅު ހިންގި ގޮތަށް އަތޮޅުވެރިޔާ ނުވަތަ އަތޮޅު ރައީސް، ސަރުކާރުން އައްޔަނު ކުރާ ކުރުން ހުއްޓާލައި އަތޮޅު ހިންގުމަށް ކަނޑައަޅާ އަތޮޅުވެރިޔާ ނުވަތަ އަތޮޅު ރައީސަކީ ސީދާ އަތޮޅު ރައްޔިތުން ވޯޓުން ހޮވާ މީހަކަށް ހަދާށެވެ. އަދި އަތޮޅު ކޮމެޓީ ނުވަތަ މިހާރުގެ ނަމުން ނަމަ އަތޮޅު ކޮމެޓީއަކީ ވެސް މިހާރެކޭ އެއް އުސޫލުން ސީދާ ރައްޔިތުން އިންތިހާބު ކުރާ ބަޔަކަށް ހަދާށެވެ. ކޮންމެ ރަށެއް ހިންގަން ހުންނަ އިސް މީހާ އަތޮޅު ކައުންސިލުގައި ހިމެނުނަސް އޭނާ އަށް ދޭން ވަނީ ސީޓިން އެލަވަންސެކެވެ. އަތޮޅު ކައުންސިލުގައި ވެސް ގިނަ މެމްބަރުން ތިބެވޭނެ ގޮތެއް ވުމަކީ ގިނަ ބައެއްގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތެކެވެ. ހަރަދު ބޮޑު ނުވާނެ އުސޫލަކުން މީހުން އިތުރު ވުމަކުން ލިބޭނެ ގެއްލުމެއް ނޯންނާނެ އެވެ.
ރ. އަތޮޅު އަތޮޅު ކައުންސިލާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ ފޮޓޯ: ރައީސް އޮފީސް
އަތޮޅު ކައުންސިލް އެގޮތަށް ބަދަލުކޮށް، ރަށް ހިންގާނެ މީހަކު ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްބަލާށެވެ. އެ އަށް ފަހު ކުރިއެކޭ އެއް ގޮތަށް ރަށު ކައުންސިލުގެ ނަމުން ނަން ދިން ނަމަވެސް، އެ ކައުންސިލަށް އިންތިހާބު ކުރާ މީހުންނަކީ ސިޓީން އެލަވަންސް ލިބޭ ބަޔަކަށް ހަދާށެވެ. އަދި ކައުންސިލުގެ އަދަދު ވެސް ބޮޑު ކުރުމަކީ ގިނަ ބައެއްގެ ބައިވެރިވުން ލިބޭނެ ކަމެވެ. ކައުންސިލަށް ހޮވޭ މީހުންނަކީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި އޮފީހަށް ދާން ޖެހޭ ބައެއް ނޫންގޮތަށް ހަދަން ޖެހެ އެވެ. ވަހީއްދީން އުޅުއްވީ އެ ގޮތަށް އަތޮޅު ކައުންސިލާއި ރަށު ކައުންސިލް ތަރުތީބު ކުރާށެވެ.
އަދި މައުމޫނު ވެރިކަން ނިމިގެން ވެސް ލާމަރުކަޒީ އުސޫލުން ހިންގަން އުފެއްދި ކައުންސިލްތަކުގެ މެމްބަރުންނަކީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް އޭރު ގައުމު ހިންގުމާ ހަވާލުވެ ހުރި މީހަކަށް ޖެއްސުން ކުރުމުގެ ބޭނުމުގައި އޭރުގެ އިދިކޮޅު މީހުންގެ ސިޔާސީ މަންފާއަށްޓަކައި ބޮޑު މުސާރައެއް ދޭން ނިންމީ އެވެ. އެކަން އެގޮތަށް ނުކުރުމަށް އިދިކޮޅުގައި ތިއްބެވި ގައުމު ދެކެ ލޯބިވާ ބައެއް މަޖިލިސް މެމްބަރުން ބާރުއަޅާ ވާހަކަ ދެއްކި އެވެ. އޭގެ ތެރެއިން ބައެއް ބޭބޭފުޅުން މިހާރު ވެސް ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ ތި ވަޒީރު ވެސް ދަންނަ ބޭބޭފުޅުންނެވެ. މިކަންތައްތައް ތިޔަ ވަޒީރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންވާނެ ކަންތައްތަކެވެ.
ބ.އަތޮޅު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުން ބޭނުންވަނީ ކައުންސިލް މެމްބަރުން މަދު ކުރަން ކަމަށް ވަޒީރު ތިޔަ ވިދާޅުވަނީ ސަރުކާރުން ހިންގާ މިނިވަން ކަމެއް ނެތް މުއައްސަސާއަކުން ހެދި ދިރާސާއަކަށް ބަލައިގެންނެވެ. ދިރާސާއަކީ ވެސް ބައެއް ފަހަރު ބޭނުންވާ ނަތީޖާ ނެރެވޭގޮތަށް ކުރެވޭ ކަމެއްކަން ހުދު ވަޒީރަށް އެނގިވަޑައިގަންނަވާނެ އެވެ. އެހެން ކަމުން ރާއްޖެ ހިންގުމަށް މީގެ އެތައް އަހަރުތަކެއް ކުރިން ހިންގުމުގެ ވައްޓަފާޅި ބަދަލުކުރުމާ ބެހޭ ގޮތުން ހިންގި މަސައްކަތްތަކާއި ހޯދި ހޯދުންތަކާއި ކުރި މަޝްވަރާތަކުން ލިބުނު ނަތީޖާއަކީ ކުރިން ފާހަގަ ކުރި ގޮތަށް ރައްޔިތުން އިންތިހާބު ކުރާ އަތޮޅު ހިންގާ މީހަކާއި އަތޮޅު ކައުންސިލަށް ވެސް އިންތިހާބު ކުރާ ބަޔަކު ހޮވުމާއެކު ރަށް ހިންގާ މީހާ ވެސް ރައްޔިތުން އިންތިހާބު ކުރުމެވެ. އަދި ރަށު ކައުންސިލަކީ ވެސް ސީދާ ރައްޔިތުން އިންތިހާބު ކުރާ ބަޔަކަށް ހެދުމެވެ.
ދެން ބޭނުންވީ އަތޮޅާއި ރަށްރަށް ބާރުވެރި ކުރުވުމެވެ. އޭގެ މާނައަކީ އޭރު ގައުމުގެ ރައީސް އަތުގައި ހުރި ގިނަ ނުވަތަ ބައެއް ބާރުތައް އަތޮޅަށް ނުވަތަ ރަށަށް ދޫކޮށްލުމެވެ. މިއީ ޒަމާނީ ހަމަތަކާއި އުސޫލުތަކާއި ތަޖުރިބާ އާއި އިލުމުވެރިންގެ ގޮވާލުމެވެ. އެ މީހުންގެ ގޮވާލުމަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން އޭރު ވަރަށް ގިނަ ބަޔަކު އެކަމަށް އެދި ގޮވި އެވެ. މުޒާހިރާ ވެސް ކުރި އެވެ. އެ ހަނދާންތައް ވަޒީރު ހުންނާނެކަމަށް ދެކެމެވެ.
ވީމާ މަނިކުފާނުގެ މިނިސްޓަރު ކަމުގައި އަތޮޅާއި ރަށް ހިންގުން ޒާމާނުންސުރެ އޮތް ގޮތާއި އަދި އިލުމުވެރިންނާއި ތަޖުރިބާކާރުންނާއި ދަންދޮރުދަންނަ މީހުންގެ އެތައް މަސައްކަތަކުން އަތޮޅާއި ރަށް ހިންގަން ތަރުތީބުކޮށްފައިވާގޮތް ބަދަލުކޮށް މަޝްވަރާތަކާއި ގޮތް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަ ކުރަނީ ރައްޔިތުން އެދޭގޮތަށޭ ވިދާޅުވެ ތިޔަ ހައްދަވަނީ ވަރަށް ބޮޑު ގޯހެކެވެ.
އެތައް ސަތޭކަ އަހަރުވި އުސޫލެއް ތިޔަ މުގުރާލަނީ ރައްޔިތުންނާ ނުބައްސަ އެވެ. ތިވަރު ބޮޑު ބަދަލެއް ގެންނަ އިރު ރައްޔިތުންގެ ފެންނަ ނުފެންނަ އަހާލަމާތޯ އެވެ. ގާނޫނު އަސާސީ ބަދަލު ކުރެވޭވަރުގެ ސުޕަަ މެޖޯރިޓީއެއް ސަރުކާރަށް ލިބިފައި އޮތަސް ތަހުޒީބު ގޮތްގޮތް ދޫކޮށް ނުލައްވަމާތޯ އެވެ.
އަޅުގަނޑު އެދެނީ ހަރަދު ކުޑަކުރުމަށްޓަކައި ސަރުކާރު ހިންގުމަށް އައްޔަނު ކުރާ ސިޔާސީ މަގާމުތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލުތައް މިދެންނެވި ގޮތަށް ބަދަލު ކުރުމަށެވެ. އޭރުން ކައުންސިލް މެމްބަރުންނަށް ދޭން ޖެހޭނީ ސިޓީން އެލަވަންސެވެ. ސިޔާސީ މަގާމުތަކުގައި ތިބޭނީ ވަރަށް މަދު އަދަދެކެވެ. އެހެން ކަމުން ބޮޑު ތަނުން ހަރަދު ކުޑަވެ އެ ފައިސާ ރައްޔިތުންގެ ތަރައްގީއަށް ހޭދަ ކުރަން ލިބޭނެތާ އެވެ.