އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅުވައިގެން ގެނެސްދިން "ނޭސަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ އަޑު އަހައިގެން އެމީހުން އެދޭ ލަނޑުދަނޑިތައް ހާސިލުކޮށްދިނުމަށް ކަމަށެވެ. އެގޮތުން، މިހާރު ކުރިއަށްދާ އުފެއްދުންތެރިކަމުގެ މައުރަޒުގެ އެންމެ ބޮޑު ބޭނުމަކީވެސް މަސައްކަތްތެރިންނަށާއި ވިޔަފާރިވެރިންނަށް ކުރިއަށް ދިއުމުގެ ދޮރުތައް ހުޅުވާލަދިނުން ކަމަށާއި، ވިޔަފާރިތަކަށް ދިމާވާ ދަތިތައް ސަރުކާރުން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، މިފަހަރުގެ މައުރަޒުގައި ބައިވެރިވި ފަރާތްތަކާއި އުފެއްދުންތަކުގެ އަދަދު ކުރީ ފަހަރަށްވުރެ ދެގުނަ އިތުރުވެފައިވާތީ އެކަމާ އުފާކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މައުރަޒުގައި ބައިވެރިވި ފަރާތްތަކަށް އިނާމު ދިނުމުގެ ޖަލްސާގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން މުހިންމު ތިން ލުޔެއް ދިނުމަށް ނިންމަވާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ.
އޭގެ ތެރޭގައި ސަރުކާރަށް ހިދުމަތް ދިނުމަށްފަހު ފައިސާ ނުލިބި ހުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައިދިނުން ހިމެނެ އެވެ. އަދި ޓެކްސް ދައްކަން ލާޒިމުވާ މިންވަރު ނުވަތަ ރަޖިސްޓްރީ ކުރަންޖެހޭ އަދަދު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެންނަވާނެ ކަމަށާއި، އުފެއްދުންތައް ތައްޔާރުކުރުމަށް އެތެރެކުރާ ތަކެތީގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ގައުމުގެ އުފެއްދުންތެރިކަމުގެ ދާއިރާއިން ޖީޑީޕީގައި ހިއްސާކުރާ މިންވަރު 15 އިންސައްތައަށް މަތިކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ކުދި ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރުން ފަދަ ގިނަ ލުއިތަކެއް މިއަހަރުގެ ތެރޭގައިވެސް ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ.