އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މީގެ އިރުކޮޅެއް ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް ފައްޔާޒު ކުރިން ވިދާޅުވެފައި ވެ އެވެ.
މިރޭ އެ މަގާމުން އިސްތިއުފާދެއްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ފައްޔާޒު ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ވަރަށް ފޮނި އުންމީދުތަކާއެކު ކަމަށެވެ. ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ޕާޓީ ހިންގުމަށް ހުރި ބައެއް ދަތިތައް ހިއްސާކުރައްވައިފަ އެވެ.
އެގޮތުން އޭނާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިއްބެވިކަން އޭނާ ފާހަގަކުރެއްވި އެވެ. އެއާއެކު ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވީއިރު ވެސް ޕާޓީ އޮތީ އެ ނުތަނަވަސް ކަމުގެ ތެރޭގައި ކަމަށް ފައްޔާޒުގެ ސިޓީގައި ފާހަގަކުރެއްވި އެވެ. އެ އިންތިހާބުގައި ދެ ޕާޓީ ގުޅިގެން އުފައްދާ ކޯލިޝަނަކުން ގޮނޑިތަކަށް ވާދަކުރުމަށް ހުށަހެޅުމުން އެ ހުށަހެޅުމަށް ތާއީދު ނުލިބުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބުވީ ކޮންމެ ގޮނޑިއެއްވެސް ނާކާމިޔާބުވެފައި އޮތީ ވަރަށް ކުޑަ ފަރަގަކުން ކަމަށް ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ އެކުގައި ކުރިއަށް ދެވުނު ނަމަ އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ފައްޔާޒު ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުންގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޕާޓީގެ ހުރިހައި މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އާއި އާންމު މެންބަރެއްގެ ގޮތުގައި ޕާޓީއަށް ކުރިއެރުން ހޯއްދަވައި ދެއްވުމުގައި ދެމިހުންނަވާނޭ ކަމަށް ކަމުގެ ޔަގީންކަން ދެއްވާކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.
ފައްޔާޒު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ 23 މެއި 2022ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރެއްވުމަށް ފަހުއެވެ.