މި މަހުގެ 1 އިން ފެށިގެން ސިވިލް ސާވިސް އާއި އެހެން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ވަނީ ބަދަލު ގެނެސްފަ އެވެ. ޕޭ ހާމަނައިޒްވީ ނަމަވެސް މުސާރަތައް ކުޑަކަމުގެ ޝަކުވާ އެކި ދާއިރާތަކުގެ މުވައްޒަފުން ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭ ޖުޑީޝަރީގެ މުވައްޒަފުން ވެސް ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޕޭ ހާމަނައިޒްވެ މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަ ގޮތުގައި މުވައްޒަފުންނަށް ލިބެން ފަށާނީ އަންނަ މަސް ނިމޭއިރު ލިބޭ މުސާރައިން ކަމަށެވެ.
މި ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް ފިނޭންސް މިނިސްޓްރީން ބުނީ، ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބުކުރަނީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15ގެ ނިޔަލަށް ކަމަށެވެ.
އެހެންވެ މި މަހުގެ އެއްވަނަ ދުވަހު މުސާރަ ބޮޑުވި މުވައްޒަފުންނަށް އެ ކުރިއެރުން ފެންނާނީ އަންނަ މަސް ނިމިގެން ލިބޭ މުސާރައިގައިކަމަށް ފިނޭންސުން ބުންޏެވެ.
ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ ޕޭ ފްރޭމްވޯކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އެލަވަންސްތަކާއި އިނާޔަތްތަކުގެ އެއް ބައި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކުޑަވާ ބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތައާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު"އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރަށް މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭގޮތަށް، މަސައްކަތުގެ ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހި ކުރުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.