މީކާއިލް ހުށަހެޅުއްވީ ގާނޫނުއަސާސީގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމާ ބެހޭ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ.
އެއީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރާއިރު މެންބަރުންގެ އަދަދު ކަމަށް ކަނޑައަޅާ ޖުމްލަ އަދަދުގެ 30 ޕަސެންޓު ދާއިރާއަކީ އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ހާއްސަ ދާއިރާތަކެއްގެ ގޮތުގައި އެކަށައަޅައި، މަޖިލީހުގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ ތެރެއިން އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ޚާއްސަކުރާ ދާއިރާތައް ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރުމަށެވެ.
މީކާއިލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ 45 ޕަސެންޓަކީ ޒުވާނުން ކަމުގައިވީ ނަމަވެސް ވިހިވަނަ މަޖިލީހުގައި ޒުވާނުން ކަމަށް ބަލާ އުމުރުފުރާގައި ހިމެނެނީ އެންމެ 11 ޕަސެންޓު މެންބަރުން ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ އެއް ބަޔަކީ ޒުވާނުންކަމަށްވީ ނަމަވެސް، ސިޔާސަތުތައް އެކުލަވާލައި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިސްކޮށް ބަސްބުނުމުގެ ހައްގު ފުޅާ ދާއިރާއެއްގައި ޒުވާނުންނަށް ތަނަވަސްކޮށްދިނުމަކީ މި އިސްލާހުގެ ބޭނުމެއް ކަމަށް މީކާއީލް ވިދާޅުވި އެވެ.
މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި 93 މެންބަރުން އެބަތިބި އެވެ. އެ އަދަދަކީ ކޮންމެ މަޖިލީހެއްގައިވެސް އާބާދީއަށް ބަލައި، ގާނޫނު މިހާރު އޮތް ގޮތުން އިތުރުވަމުންދާ އަދަދެކެވެ.
ޖުމްލަ މެންބަރުންގެ އަދަދު 93އިން ބަލާނަމަ، މީކާއިލް އިސްލާހުގައިވާ ގޮތަށް 31 ދާއިރާ ވާން ޖެހޭނީ ޒުވާނުންނަށް ހާއްސަ ދާއިރާތަކަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ގޮނޑީގެ ތެރެއިން 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވިއިރު، މިހާރު ރައްޔިތުން މަޖިލިސް އެތުރިފައިވާ ގޮތް ބަދަލުކޮށް މަޖިލީހުގައި މަތިގެއެއް އަދި ތިރިގެ އެއް އުފެއްދުމަށް އެދޭ ރާއްޖެ ކެމްޕޭން ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"އެދޭ ރާއްޖެ" ކަރުދާހުގައި ބުނާ ގޮތުން މިހާރު ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން ފެންނަ އެންބޮޑު މައްސަލައަކީ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވެފައޮންނަ އޮތުމެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި ފެހި ގާނޫނޫ އަސާސީން އިންތިހާބުވި ހަތަރު މަޖިލިސް ވެސް އިހުމާލުވުމެވެ.
މިކަމުގެ ހައްލަކަށް ރައްޔިތުންގެ މަޖިލިސް އަލުން "ތަރުތީބުކުރަން" އެދޭ ރާއްޖެ ޓީމުން ހުށައަޅާ ހައްލު ތަކަކީ ރައްޔިތުންގެ މަޖިލީހުގެ މަތިގެއެއް އުފައްދައި، މަތިގެއަށް ހޮވާ މެމްބަރުންނަކީ މުޅި ރާއްޖެ ތަމްސީލުކުރާ މަންދޫބުންތަކެއްކަމަށް ކަނޑައަޅައި، މަތިގެއަށް މަންދޫބުން ހޮވާނީ މުޅި ރާއްޖެއިން ވޯޓުލައިގެން ކަމަށް ކަނޑައެޅުމަށެވެ.
އަދި މިހާރު އޮންނަ ރައްޔިތުންގެ މަޖިލީހަކީ ތިރިގެ ކަމަށް ކަނޑައަޅައި، ދާއިރާތަކުން ވޯޓް ލައިން މެމްބަރުން އިންތިހާބު ކުރުމުގެ ބަދަލުގައި އާ ހުށަހެޅުމާއެކު ތިރިގެ އަށް މެމްބަރުން ހޮވާނީ އެންމެ ކުޑަވެގެން ކުރިއެކޭ އެއްގޮތަށް މުޅި އަތޮޅުންނާއި ސިޓީން ވޯޓުލައިގެން އިންތިހާބުކުރާގޮތަށް ބަދަލުކުރުމާއި، ދައުލަތުގެ މިނިވަން މަގާމުތަކަށް ހޮވާ ފަރާތްތައް ނެގުމާއި ވަކި ކުރުމުގެ ޒިންމާ މަތިގެއަށް ހަވާލު ކުރުމާއި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޖަވާބުދާރީވާކަން ޔަގީން ކުރުމުގެ ގޮތުން މަދުވެގެން އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހުގެ މަތީގެއަށް ހާޒިރުވެ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވުމާއި ރައްޔިތުންގެ މަޖިލީހުގެ މަތިގެއާ ތިރިގޭގެ މެމްބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް މަޖިލީހުގެ އަދަދާއި ޝަރުތުތަކާމެދު ރައްޔިތުންގެ މެދުގައި ފުޅާ މަޝްވަރާ ކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގައި ހުރިހާ އަތޮޅުތައް ތަމްސީލުވެފައި ބޭއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވިޔާފާރި ކުރުން މަނާ ކުރުމާއި އަދި މަގާމުން ވަކިވުމުންވެސް ދެ އަހަރު ވަންދެން ސަރުކާރާއެކު އެއްވެސް ވިޔަފާރިއެއް ކުރުން މަނާ ކުރުން ހިމެނެ އެވެ.
މިކަންކަން މި މަގުން ތަރުތީބު ވެއްޖެ ނަމަ އެދޭ ރާއްޖެ ޓީމުން ގަބޫލުކުރާ ނަތީޖާ އަކީ މަޖިލީހުގެ މަތިގެއެއް އޮތުމުން ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއް އުފެދިގެންދިއުމެވެ. އަދި ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމާޔާތް ކުރުމަށް މަގުފަހި ވެގެން ދިއުމެވެ.
ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުންގެ އަޑު އިއްވާ ތަނެއްގެ ގޮތުގައި ލޭބަލް ކޮށްފައި ވިޔަސް އެއީ ނަމަކަށް އޮތް ތަނެކެވެ. އެތަނުގައި އިއްވަނީ މެޖޯރިޓީ އޮތް ބައެއްގެ އަޑެވެ. ސަރުކާރުގެ އަޑެވެ. ރައްޔިތުންގެ އަޑު އެތަނުން އިވޭ ކަމަށް ގަބޫލުކުރާ ރައްޔިތުންވީ އިންތިހާ އަށް މަދެވެ.