"ދަ އޮޕްރާ ވިންފްރޭ ޝޯ" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މި ސްޓައިލިސްޓް ފެނިފައިވަނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ފުރާޅު މަތީގައި ހުރި ފަތާ ފެންގަނޑެއްގެ ތެރެއިންނެވެ.
ހޮޕްކިންސްގެ ހަށިގަނޑު ފެނިފައިވަނީ އެމެރިކާގެ މިނިއާޕޮލިސްގައި ހުންނަ ޗާޗިލް އެޕާޓްމެންޓްސްގެ 33 ވަނަ ފަންގިފިލާގައި ހަދާފައިވާ ފެންގަނޑެއްގައި އޮއްވައެވެ. މިނިސޯޓާ ސްޓާ ޓްރިބިއުން އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ 10:20 ހާއިރު އޭނާ ފެންގަނޑުން ފެނުނުއިރުވެސް ހަރަކާތެއް ނެތެވެ. އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަން ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.
ހޮޕްކިންސް މަރުވި ސީދާ ސަބަބެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ލިންކްޑްއިން ޕޭޖުގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ މަރުވީ "ހާޓް ފޭލްވެގެން" ކަމަށެވެ. އޮފިޝަލްކޮށް މަރުގެ ސަބަބު ކަށަވަރުކުރުމަށް އޮޓޮޕްސީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މަޝްހޫރު ސްޓައިލިސްޓެއް އަދި ލިޔުންތެރިއެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ހޮޕްކިންސް ވަނީ އޭނާގެ ފިރިމީހާއާއެކު 37 އަހަރު ހޭދަކޮށްފައެވެ.