
އެމްއެމްއޭގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ވާގޮތުން، މިދިޔަ އަހަރު އެ ބޭންކުން ވަނީ 626.6 މިލިއަން ޑޮލަރު (9.7 ބިލިއަން ރުފިޔާ) ވިއްކާފަ އެވެ.
އެގޮތުން ފާއިތުވު އަހަރު އެމްއެމްއޭ އިން ވިއްކާފައިވާ ޑޮލަރުގެ 64 އިންސައްތަ ސަރުކާރު ކުންފުނިތަކަށް ހާއްސަކޮށްފައި ވާއިރު، އެކުންފުނިތަކަށް އެމްއެމްއޭ އިން ވަނީ 399.9 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 25 އިންސައްތަ އިތުރު އަދަދެކެވެ.
2019 ވަނަ އަހަރު އެމްއެމްއޭ އިން ބޭންކް ތަކަށް ވިއްކާފައި ވަނީ 226.7 މިލިއަން ޑޮލަރެވެ. މިއީ ބޭންކް ތަކަށް ހާއްސަ ކޮށްފައިވާ 29 އިންސައްތަ އެވެ. އަދި 2018 ވަނަ އަހަރާއި އަޅާ ބަލާއިރު، ދެ އިންސައްތަ އިތުރު އަދަދެކެވެ.
މީގެ އިތުރުން، ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އެމްއެމްއޭ އިން ވިއްކާ ޑޮލަރުގެ ހަތް އިންސައްތަ ހާއްސަ ކޮށްފައި ވާއިރު، މި ޑޮލަރު ލިބޭނެ އިންތިޒާމް އެމްއެމްއޭ އިން ވަނީ ބޭންކުތައް މެދުވަރުކޮށް ހަމަޖައްސާފަ އެވެ. އެގޮތުން، 2019 ވަނަ އަހަރު ބޭރަށް ފުރާ މީހުންނަށް ވަނީ 44 މިލިއަން ޑޮލަރު ވިއްކާފަ އެވެ. މީގެ ތެރޭގައި ހައްޖާއި އުމްރާ ގްރޫޕު ތަކަށް ހާއްސަކޮށް ވިއްކި 4.1 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.