އެމްޓީސީސީއިން ބުނީ ސަތޭކަ ހާސް އަކަފޫޓުގެ ޕްލޮޓެއްގައި ގާއިމުކޮށްފައިވާ އެ ފެސިލިޓީ މިހާރު ވަނީ ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ހަވާލުކޮށްފައި ކަމަށެވެ. އެގޮތުން މި ފެސިލިޓީއަކީ 600 ވުރެ ގިނަ މީހުންގެ ޖާގައިގެ ތަނެކެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ބައްޔަށް ޕޮޓިވްވާ މީހުން ބެހެއްޓުމަށް ގުޅީފަޅުގައި ގާއިމުކުރެވުނު އެ ފެސިލިޓީގައި ކްލޯޒް ކޮންޓެކްޓުންނާއި ޝައްކުކުރެވޭ އަލާމާތްތައް ހުންނަ މީހުން އެކަހެރިކޮށް ބޭތިއްބުމަށް ހަމަޖެހިފައިވެ އެވެ. އަދި ތޮއްޖެހިފައިވާ ތަންތަނުގައި އުޅޭ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ބިދޭސީން އެތަންތަނުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ގުޅީފަޅުގައި ހެދި ކަރަންޓީނު ފެސިލިޓީ އެންޑީއެމްއާ ހަވާކުކޮށްފައިވާއިރު ހުޅުމާލެއާ، ވިލިވަރުގެ އިތުރުން ތިލަފުށީގައި ބިދޭސީންނަށް ހާއްސަކޮށްގެން ގިނަ ފެސިލިޓީތަކެއްގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުުރު ވަމުން އަންނައިރު ބަލިޖެހެމުން އެންމެ ގިނައިން އަންނަނީ ބަންގްލަދޭޝްގެ މީހުންނަށެވެ. އެގޮތުން މިހާތަނަށް ޖުމްލަ 265 ބަންގްލަދޭޝް މީހުންނަށް ބަލި ޖެހިފައިވެ އެވެ.