ޑްރަގްގެ ބޮޑެއް ބަންދުން ދޫކުރި މައްސަލައާ ގުޅިގެން ސަސްޕެންޑްކޮށްފައި ހުރި ގާޒީ ފާއިޒު ވަކިކުރީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާއިޒުގެ މައްސަލަތަކެއް ބެލުމަށްފަހު، މަޖިލީހަށް ފޮނުވުމުން މަޖިލީހުން މިއަދުއެވެ.
ކޮމެޓީން ނިންމި ގޮތަށް، އޭނާ ވަކިކުރަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައި ވަނީ 56 މެންބަރުންގެ ވޯޓުންނެވެ. ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރުންނެވެ.
ފާއިޒު ވަކިކުރަން ނިންމި އެއް މައްސަލައަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމުންނެވެ. އަދި، މަރުގެ ދައުވާ ކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލި މައްސަލަތަކާ ގުޅިގެންނެވެ.