ads
ކޯސްޓު ގާޑް ޝިޕް ހުރަވީ: ފޮޓޯ ސަރުކާރު
އަސްކަރީ ދައުވަތަކަށް ހުރަވީ ޝިޕް ލަންކާއަށް
ސްރީލަންކާގެ ކަނޑުގެ ސިފައިންނަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުމަށް ލިބުނު އަސްކަރީ ދައުވަތަކަށް، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް "ހުރަވީ" ލަންކާއަށް ހިނގައްޖެއެވެ.
Advertisement

ލަންކާގެ ވެރިރަށް ކޮލަމްބޯގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރު 2025) ގައި ހުރަވީ ޝިޕް ބައިވެރިވެފައިވާއިރު، މިއީ ހާއްސަ އަސްކަރީ ދައުވަތަކަށް ދިވެހި އަސްކަރީ އުޅަނދެއް ރާއްޖެއިން ބޭރު ގައުމަކަށް ކުރި ފުރަތަމަ ރަސްމީ ދަތުރެވެ. މިދިޔަ އަހަރުތަކުގައި ހުރަވީ އުޅަނދުން ބޭރު ގައުމުތަކަށް ދަތުރުކޮށްފައި ވަނީ މަރާމާތު ކުރުމަށާއި ތަމްރީނުތަކަށް ކަމުގައިވިޔަސް، މިއީ ފުރިހަމަ އަސްކަރީ އިހުތިފާލެއްގައި ބައިވެރިވުމަށް ކުރި ހާއްސަ ދަތުރެކެވެ.

ދުނިޔޭގެ 20 ގައުމަކުން އަސްކަރީ އުޅަނދާއި ވަފުދުތައް ބައިވެރިވި މި ފްލީޓް ރިވިއުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ލަންކާގެ ޕްރައިމް މިނިސްޓަރު ހަރިނީ ނިރެކާ އަމަރަސޫރިއާއެވެ. މި ރަސްމިއްޔާތު ބައްލަވާލެއްވުމަށް ދިވެހި އަސްކަރިއްޔާގެ އިސްވެރިންގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބުރާހިމް ހިލްމީ އާއި ލަންކާގައި ހުންނަވާ ދިވެހި ސަފީރު މސްއޫދު އިމާދު ވެސް ވަނީ ކޮލަމްބޯއަށް ވަޑައިގެންފައެވެ. މި ހަރަކާތުގެ ތެރެއިން ސިޓީ ޕެރޭޑާއި، މުޖުތަމައުއަށް ހިދުމަތްކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ސަރަހައްދީ އަސްކަރިއްޔާތަކުގެ މެދުގައި ޕްރޮފެޝަނަލް ތަޖުރިބާ ބަދަލުކުރުމުގެ ސެޝަންތަކުގައި ދިވެހި ސިފައިން ވަނީ އަމަލީގޮތުން ހަރަކާތްތެރިވެފައެވެ.

މި ދަތުރުގެ ތެރެއިން ލަންކާގެ ނޭވީ ކޮމާންޑަރު، ވައިސް އެޑްމިރަލް ކަންޗަނާ ބަނަގޮޑާ ވަނީ ހުރަވީ ޝިޕަށް ޒިޔާރަތްކުރައްވައި ޝިޕްގެ ކޮމާންޑިންގ އޮފިސަރު އަދި ފަޅުވެރިންނާ ބައްދަލުކުރައްވާފައެވެ. މީގެއިތުރުން ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އުޅަނދުން ތައްޔާރަށް އޮތްކަން ވެސް ދިވެހި ފަރާތުން ވަނީ އެ ގައުމުގެ ސަރުކާރަށް އަންގާފައެވެ. އިންޑިއާ، ޕާކިސްތާން، ރަޝިއާ އަދި އީރާން ފަދަ ގައުމުތަކާއެކު ދިވެހި އުޅަނދެއް މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ، އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމުގައި ރާއްޖެއިން ދޭ އަހަންމިއްޔަތު ހާމަވާ ކަމެއް ކަމަށް އެމްއެންޑީއެފުން ދެކެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް