ބޯޅައެއްހެން ވަށްވެގެން މޭގައި ދެ ކަކޫ ޖައްސާލައިގެން، މޫނު ނުފެންނަގޮތަށް ކިސްވާ އިނީ، ގިސްލާށެވެ. މާޔޫސްކަމާއެކު ބޮނޑިވެލައިގެން ކިސްވާގެ ބުޅާ އޮތީ އޭނާގެ ގައިގައި ލެނގިލައިގެންނެވެ. ޓައިލްސް މައްޗަށް އެއްލާލާފައި އޮތް ދަބަސް ނަގާފައި ކިސްވާގެ ކިޔަވާ މޭޒު މަތީގައި އަމާރާ ބޭއްވި އެވެ.
މަޑުމަޑުން އެނދާއި ގާތްވެލާފައި ކިސްވާގެ އިސްތަށިގަނޑުގައި އޭނާ ފިރުމާލި އެވެ.
"މަންމަގެ ލޯބި ދަރިފުޅާ... ކިހިނެއްވީ؟ ދަރިފުޅު ތި ރޮނީ ކީއްވެ؟ ސްކޫލްގައި ކަމެއް ހިނގީތަ، ދަރިފުޅާ..؟" ލޯތްބާއެކު ފިރުމަމުން އަމާރާ ވާހަކަ ދެއްކި އެވެ.
ކިސްވާގެ ގިސްލުމުގެ އަޑު ގަދަވި ވަރަކަށް، ސްނޯ ބޯލް އަމާރާއާއި ދިމާއަށް ބަލައިލާފައި މޫޑު ގޯސްލައެވެ. އަދި ކުރިއަށްވުރެން ބޮޑަށް ކިސްވާގެ ގައިގައި އެސޮރުގެ މޫނު ހާކާލަ އެވެ. ފެންނަ ފެނުމަށް، ސްނޯ ބޯލްގެ މުޅި ދިރިހުރުމަކީ ކިސްވާ އެވެ. ލޯތްބާއެކު، ބުޅަލުގެ ކެހެރިގަނޑުގައި އަމާރާ ފިރުމާލި އެވެ. އަދި ކިސްވާގެ ބޮލުގެ އިސްތަށިގަނޑުގައި ތިންހަތަރު ފަހަރު ބޮސްދިނެވެ.
"ދަރިފުޅުދެކެ މަންމަ ވަރަށް ލޯބިވޭ.. މަންމަގެ ދުނިޔެއަކީ ކިސްވާ.." ކުރެހިފައިވާ އަޑަކުން އަމާރާ ބުނެލުމުން، ކިސްވާގެ ހަރަކާތްތަކަށް ބަދަލު އައިކަން ފާހަގަކުރެވުނެވެ.
"ހުރިހާ ކުދިން މިއަދު ކިސްވާއަށް މަލާމަތްކުރި..." އަސަރާއެކު ކިސްވާ ބުނެލި އެވެ. މަންމަގެ މޫނަށް ބަލާލާނެ ހިތްވަރެއް އެދަރިފުޅަށް ނުލިބުނުކަން ޔަގީނެވެ.
ދެ ކަކޫ ޖަހާފައި އެނދުކައިރީގައި އަމާރާ ހަމަޖެހިލި އެވެ. ދަރިފުޅު ގެނެސް އޭނާގެ އަތުގެ ތެރޭގައި ބޮނޑިކޮށްލީ، ދުނިޔޭގެ ހުރިހައި ރިހުމަކުން އެ ދަރިފުޅު ހިމާޔަތްކުރާނެކަމުގެ ނިޝާނެއްގެ ގޮތުގަ އެވެ.
"ކީއްވެ؟ އެމީހުން ކީކޭ ބުނީ؟" މަޑުމަޑުން އަމާރާ ސުވާލުކުރި އެވެ.
އިސްއުފުލާލާފައި މަޑުމަޑުން އަމާރާއާއި ދިމާއަށް ކިސްވާ އެނބުރުނެވެ. ރަތްވެފައިވާ ދެ ލޯ ފެނުމުން އަމާރާގެ ކަރުނައެއް ނުހިފެހެއްޓުނެވެ.
"އެކުދިން ބުނީ، ކިސްވާގެ ބައްޕަ ދުވަހަކުވެސް ނާންނާނެޔޯ.. ކިސްވާ ބަސްނާހާތީ ބައްޕަ ދިޔައީ އެހެން ކުއްޖަކު ހޯދާށޯ.. ކިސްވާގެ މަންމައާއި ކިސްވާ އަބަދުވެސް އުޅެންޖެހޭނީ އެކަނި ޔޯ.. ކިސްވާގެ ބައްޕަ ދުވަހަކުވެސް ކިސްވާދެކެ ލޯބި ނުވާނެ ވާހަކަ އެކުދިން ބުނީ.." ގިސްލަމުން ކިސްވާ ވާހަކަ ދެއްކި އެވެ.
ހުއްޓުމެއް ނެތް ކަރުނަ އަމާރާގެ ހިތްވަރަށް ހިޔާނާތްތެރިވަމުން ދިޔަ އެވެ. ދަރިފުޅުގެ ކުރިމަތީގައި މިފަދަ ނިކަމެތި ގޮތަކަށް ރުއިމަކީ އަމާރާގެ އުސޫލާއި ހިލާފްކަމެކެވެ. ނަމަވެސް ދެމައިން އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ހޯދުމަށް މިވަގުތު ހަގީގަތާއި ކުރިމަތިލާންޖެހެ އެވެ. ކިސްވާގެ އަތުގައި ހުރި ބާރެއްލާފައި މަންމަ ގައިގައި ބައްދާލި އެވެ.
އަމާރާގެ މޭގައި ހިތް ތާށިވި ފަދަ އެވެ. ތުރުތުރުއަޅަމުންދިޔަ ނޭވާގެ އަޑު ހިފެހެއްޓޭތޯ އޭނާ މަސައްކަތްކުރި އެވެ. މައި ކުލުނަށް ވުރެން ބާރުގަދަ އިހްސާސެއް ދުނިޔޭގައި ﷲތައާލާ ނުލައްވަ އެވެ. ނުވަ މަހަށްވުރެން ގިނަ ދުވަހު، އަމިއްލަ ހަށިގަނޑުގައި އުފުލުމަށްފަހު، ދުނިޔެއަށް އުފަން ކުރަނީ، ހަށީގައި ވިންދެއް ހުރިހައި ހިނދަކު ދަރީންނަށް ހިމާޔަތެއްގެ ގޮތުގަ އެވެ. ކިސްވާގެ ހައްގުގައި މުޅި ދުނިޔެއާއި ކުރިމަތިލާން ޖެހުނަސް، އަމާރާ ތައްޔާރެވެ.
ކިސްވާގެ މޫނަށް ހުރަސްއަޅަމުންދިޔަ އިސްތަށިތައް، އޭނާ އެއްފަރާތް ކޮށްލި އެވެ.
"ދަރިފުޅާ ކިސްވާ، މަންމަ މިބުނާ އެއްޗެއް އަބަދުވެސް ދަރިފުޅުގެ ހަނދާނުގައި ބަހަށްޓައްޗޭ... އަހަރުމެންގެ ވަށައިގެން އެކި ކަހަލަ މީހުން އުޅޭނެ.. އެކި ގޮތްގޮތުން އެހެން މީހުން މާޔޫސްކޮށް ބަލިކޮށްލުމަށް ވަރަށް ގިނަ ފަހަރު އެކި މީހުން މަސައްކަތް ކުރާނެ.. އޭގެ މާނައަކީ އެމީހުން ބުނާ ކޮންމެ އެއްޗަކީ އެއީ ތެދު ހަގީގަތެކޭ ނޫން.. އެމީހުންގެ ބަސްތަކުން، ދަރިފުޅު ބަލިކަށިވިޔަ ނުދޭތި..!" އިތުރު ތަފްސީލް ނުދީ ސަލާމަތް ނުވާނެކަން އިނގޭއިރުވެސް އަމާރާ މަސައްކަތްކުރީ އެ މިންވަރުން ފުށްދާލެވޭތޯ އެވެ.
ނަމަވެސް...
"އެކަމަކު މަންމާ، ކިސްވާގެ އެކަނި ބައްޕަ ނުހުންނަނީ ކީއްވެ؟ އެހެން ހުރިހާ ކުދިންގެ ބައްޕަ ހުރޭ.. މަންމައަށް އިނގޭތަ، ކިސްވާގެ އެންމެ ފޭވަރިޓް ޓީޗަރވެސް ބުނީ، ސްކޫލް ނިމޭ ގަޑީގައި ޓީޗަރ ބަލައިވެސް އަންނަނީ ބައްޕައޭ.." ކިސްވާގެ އަޑު ކުރެހިއްޖެ އެވެ.
އެ ދަރިފުޅުގެ ހިތަށް ނުހަނު ތަދުވެއްޖެ އެވެ. އަމާރާގެ ހިތް ކުދިކުދިވެ ބުރައިގެންދާ އަޑު އެހެން މީހަކަށް ނީވުނަސް، އެކަމުގެ ވޭން އޭނާއަށް ތަހަންމަލް ނުކުރެވޭ މިންވަރަށް ފުންވެއްޖެ އެވެ. ކޮންމެ ދުވަހަކު، ދަރިފުޅު ނިމުމުގެ ކުރީން ސްކޫލް ގޭޓްކުރިމަތީގައި ފުރަތަމަ ހުއްޓޭ މީހަކީ އަމާރާ ކަމަށްވިޔަސް، ބައްޕަގެ ހައިސިއްޔަތުން އެ މަގާމުގައި އެންމެ ސިކުންތަކަށްވެސް އަމާރާއަށް ނުހުރެވޭނެ އެވެ. ބައްޕަގެ މަގާމު އަދާކުރުމަށް، ދުނިޔޭގެ ގާނޫނުގައި މަންމައަށްވެސް ފުރުސަތެއް ނެތެވެ. ބައްޕަގެ ލޭ ދަރިފުޅުގެ ހިތުގައި ހިނގާހާ ހިނދަކު، އެ މަގާމު އެހެންމީހަކަށް ފޫނުބެއްދޭނެ އެވެ.
ހިތްވަރު ކޮށްފައި ކިސްވާގެ މޫނު އަމާރާގެ ދެއަތުގެ ތެރޭގައި ފޮރުވާލި އެވެ. ހަގީގަތް ކަފުންކޮށްފައި، ކުޑަކުޑަ ކިސްވާގެ ހަލަބޮލި ސިކުނޑިއަށް ތަސައްލީއެއް ލިބުން، އަމާރާއަށް މުހިއްމެވެ.
"މަންމައާއި ބައްޕައާއި ދެމީހުންގެ ލޯބި ކިސްވާއަށް ދޭނެ މުހިއްމު އިންސާނަކު ދުނިޔޭގައި އެބަހުރި.. މުޅި ދުނިޔެއާއި ހަނގުރާމަކޮށް، ކާމިޔާބުކުރާން ޖެހުނަސް، ކިސްވާއަށްޓަކައި ހުންނާނަން.. އެމީހަކީ ކިސްވާގެ މަންމަ.. ދަރިފުޅުދެކެ މަންމަ ވަރަށް ވަރަށް ލޯބިވޭ.. ދަރިފުޅު ތިއީ މަންމަގެ މި ހިތުގެ ވިންދު..!" އަމިއްލަ އަޑު ފަޅައިގެން ނުގޮސް، ހިފެހެއްޓޭތޯ އަމާރާ މަސައްކަތްކުރި އެވެ.
ހިތުން ރޯލާފައި ލޮލުގެ އާވި ސިއްރުކުރި އެވެ.
އަމާރާގެ ބުނެލުމާއެކު، ކިސްވާގެ ދެއަތުގައި ހުރި ބާރެއްލާފައި އަމާރާގެ ކަނދުރާގައި ބައްދާލި އެވެ. ގިސްލެވެމުންދިޔައިރުވެސް، ކިސްވާ ހިތްވަރު ކުރި އެވެ. ކުށެށް ނެތް މައުސޫމް ހިތަކަށް ލިބެމުންދާ ވޭން ތަކަށް، ފަރުވާއެއް ކުރެވޭނެ އަލިމަގެއްވެސް އަމާރާގެ ކުރިމަތީގައި ނެތެވެ.
"ކިސްވާގެ ބައްޕައަކީ ކާކު، މަންމާ..؟ ބައްޕަގެ ނަން ކިސްވާ ގާތުގައި ބުނެލަދީފާނަންތަ..؟ ބައްޕައާއި ބެހޭގޮތުން އެއްވެސް ކަހަލަ ވާހަކައެއް މަންމަ ނުދައްކަނީ ކީއްވެ؟" ބޮޑު މީހަކު ފަދައިން ކިސްވާގެ ސުވާލުތައް އަމާރާއަށް އަމާޒުކޮށްލި އެވެ.
ދޭނެ ޖަވާބެއް ނެތި، އަމާރާގެ ހަށިގަނޑު ގަނޑުވެއްޖެ އެވެ.
"ކިސްވާއަކީ ބަސްނާހާ ކުއްޖެއްތަ މަންމާ...؟ އެހެންވެތަ ބައްޕަ ނާންނަނީ..؟" އަސަރުން ފުރިގެންވީ ބުނެލުމެކެވެ. އެތަށް ސުވާލެއްގެ ޖަވާބު ކިސްވާ ބޭނުމެވެ.
"ނޫން.. ނޫން، ދަރިފުޅާ..!" ނުހަނު ބާރަށް ކިސްވާގެ ގައިގައި އަމާރާ ބައްދައިލި އެވެ.
"ދުވަހަކުވެސް ދަރިފުޅު ތިހެން ނުބުނައްޗޭ... މަންމަ މުޅި ހަޔާތުގައިވެސް ލިބުނު އެންމެ ލޮބުވެތި ހަދިޔާއަކީ، ދަރިފުޅު! ތިއަށް ވުރެން ބޮޑު ނަސީބެއް މަންމައަށް ދުވަހަކުވެސް ނުލިބޭނެ.. ރަގަޅަށް އަޑުއަހާ ދަރިފުޅާ، ކިސްވާއަކީ މަންމަގެ ހިތުގެ ވިންދު... މި ހިތުގައި ވިންދު ޖެހުން ހުއްޓިއްޖެއްޔާ ވާނެގޮތް ދަރިފުޅަށް އިނގޭނުން...!؟" މޭގައި އަތް ޖައްސާލަމުން އަމާރާ ބުންޏެވެ. ބޮލުގެ އިޝާރާތުން، އެއްބަސްވަމުން މަންމަގެ އަތުގެތެރޭގައި ކިސްވާ ބޮނޑިވެލި އެވެ.
"މަންމާ، ބައްޕައާއި ބެހޭގޮތުން އެއްވެސް އެއްޗެއް ކިސްވާއަށް ނޭގެނީ ކީއްވެ..؟" ކުޑަކުޑަ ހިތަކަށް ލިބިފައިވާ އަނިޔާ އަމާރާއަށް ވަޒަންވެސް ނުކުރެވެ އެވެ. ނަމަވެސް މަސައްކަތްކުރީ، ހާލަތާއި އެއްގޮތަށް، އެންމެ ރަގަޅު ގޮތް ކިސްވާއަށް ބުނެދެވޭތޯ އެވެ.
"ބައެއް ހަގީގަތްތަކަކީ، އިންސާނުންނަށް ތަހަންމަލް ކުރެވޭނެ ވޭންތަކެއް ނޫން..! މަންމަ ބޭނުމެއް ނޫން، އެވަރުގެ ރިހުމެއް ދަރިފުޅުގެ ހިތުގައި ބާއްވާކަށް.. މަންމައަށް އިތުބާރުކުރޭ ދަރިފުޅާ.." ދެލޮލުން އޮހޮރެމުންދިޔަ ކަރުނައިގެ މިސްރާބަށް އަމާރާގެ ޝައުގުވެރިކަމެއް ނެތެވެ.
"އެކަމަކު މަންމާ، ނޭގުނީމަވެސް ކިސްވާގެ ހިތަށް، ވަރަށް ތަދުވޭ.." ކުޑަކުޑަ ދަރިއެއްގެ ރިހުމުގެ ވާހަކަ އަޑުއަހަން މައިލަގޮނޑިއަށް ކެތްވާނެ ހެއްޔެވެ؟ (ނުނިމޭ)