ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމުގެ މަސައްކަތަށް ހާއްސަ ޓޯ އުޅަނދެއް މިއަދު ބޭނުންކުރަން ފަށާފައިވާކަމަށެވެ. މި އުޅަނދާއެކު ޓޯ ކުރުމުގެ މަސައްކަތަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ފުލުހުން ބުނެއެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުން އަންކަމަށް ފުލުހުން ބުނެއެވެ.
ވެހިކަލްތައް ޓޯ ކުރަން ފުލުހުން ގެނައި ޓޯ ވެހިކަލް
ފުލުހުން އިއްޔެ އާއްމުކުރި ހިސާބުތަކުގައި ބުނީ މިމަހުގެ ފުރަތަމަ ދެ ދުވަހު މާލެެއިން 78 އުޅަނދު ޓޯކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 77 ސައިކަލާއި ހަތަރު ފުރޮޅުލީ އެއް ވެހިކަލްކަމަށް ފުލުހުން ބުނެއެވެ. އަދި ހުޅުމާލެއިން 69 ވެހިކަލް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 66 ސައިކަލާއި ހަތަރު ފުރޮޅުލީ 3 ވެހިކަލް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރާނެކަމަށެވެ.