އުމުރުން 96 އަހަރުގައި އޭނާ މަރުވިއިރު، ގެރީ ފާހަގަކުރެވިފައިވަނީ އާދަޔާ ހިލާފު މޮޅު ޑިޒައިންތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިނާކޮށްފައިވާ ފަންނާނެއްގެ ގޮތުގައެވެ. އޭނާ ފަރުމާކޮށްފައިވާ އިމާރާތްތަކަކީ މިއަދު ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ބިނާތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ.
ގެރީ ޕާޓްނާސް އެލްއެލްޕީގެ ޗީފް އޮފް ސްޓާފް މީގަން ލޮއިޑްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގެރީ މަރުވެފައިވަނީ ހުކުރު ދުވަހު ސަންތާ މޮނިކާގައި ހުންނަ އޭނާގެ ގޭގައެވެ. އޭނާ މަރުވީ ނޭވާލާ ނިޒާމަށް ޖެހުނު ބައްޔެއްގައި ކުރު މުއްދަތަކަށް އުޅުމަށްފަހު ކަމަށް އެ އޮފީހުން ބުންޏެވެ.
ގެރީގެ ފާހަގަކޮށްލެވޭ މަޝްހޫރު މަސައްކަތްތަކުގެ ތެރޭގައި ސްޕެއިންގެ ބިލްބާއޯގައި ހުންނަ ގާންހައިމް މިއުޒިއަމްއާއި، ލޮސް އެންޖެލިސްގެ ވޯލްޓް ޑިޒްނީ ކޮންސެޓް ހޯލްގެ އިތުރުން ބާލިންގެ ޑީޒެޑް ބޭންކް ބިލްޑިން ހިމެނެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގްގެ އެދުމުގެ މަތިން، އެ ކުންފުނީގެ ނޯދަން ކެލިފޯނިއާގެ ހެޑްކުއާޓަރު ބޮޑުކުރުމުގެ މަސައްކަތް ވެސް ފަރުމާކޮށްފައިވަނީ ގެރީއެވެ.
ޒަމާނީ ޕޮޕް އާޓްއަށް ގެރީ ހުންނަ ޝައުގުވެރިކަމުގެ ސަބަބުން، އޭނާ ފަރުމާކުރާ އިމާރާތްތަކަކީ ތަފާތު އަދި ލޮލުގައި އަޅައިގަންނަ ފަދަ ގޮތަކަށް ހުންނަ ތަންތަނެވެ. އޭނާގެ މަސައްކަތްތައް ސިފަކޮށްފައިވަނީ "އަމިއްލަވަންތަ އަދި ވަރަށް އެމެރިކަން" ސްޓައިލްގެ މަސައްކަތްތަކެއްގެ ގޮތުގައެވެ.
އާކިޓެކްޗާގެ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި ގިނަ އެވޯޑުތަކެއް ގެރީ ވަނީ އޭނާގެ ހަޔާތުގައި ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި މި ދާއިރާގެ އެންމެ މަތީ ޝަރަފު ކަމަށްވާ ޕްރިޓްޒްކާ ޕްރައިޒް ހިމެނެއެވެ. މީގެ އިތުރުން ރޯޔަލް އިންސްޓިޓިއުޓް އޮފް ބްރިޓިޝް އާކިޓެކްޓްސްގެ ގޯލްޑް މެޑަލްއާއި، އެމެރިކަންސް ފޯ ދަ އާޓްސް ލައިފްޓައިމް އެޗީވްމަންޓް އެވޯޑުގެ އިތުރުން، އޭނާގެ އުފަން ގައުމު ކަމަށްވާ ކެނެޑާގެ އެންމެ މަތީ ޝަރަފު ކަމަށްވާ ކޮމްޕެނިއަން އޮފް ދަ އޯޑާ އޮފް ކެނެޑާ ވެސް އޭނާއަށް ލިބިފައިވެއެވެ.