މިއީ އާންމުން ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި ތެލަށް ބަރޯސާވުން ކުޑަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ވަނީ ރާއްޖޭގެ 10 އަތޮޅެއްގެ ގޭބިސީތަކުގައި މި ނިޒާމު ހަރުކޮށް، ބޭނުންކުރަން ފަށައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ޖެނުއަރީ މަހު ރަސްމީކޮށް ފައްޓަވައިދެއްވި މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ސޯލާ ހަރުކޮށްފައި ވަނީ ހއ. ފިއްލަދޫގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވެ ސޯލާ ޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ލުއިގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން ސްޓެލްކޯ ފަދަ ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް، އިންސްޓޯލްމަންޓް އުސޫލުން ސިސްޓަމް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މި ނިޒާމު ގާއިމުކުރަނީ ނެޓްމީޓަރިން އުސޫލުން ކަމަށް ވުމާއެކު ކަރަންޓު ބިލު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 3 މެގަވޮޓުގެ ސޯލާ ސިސްޓަމް ފޯރުކޮށްދިނުމަށް މިނިސްޓްރީން ވަނީ އަމާޒު ހިފައިފައެވެ. އެގޮތުން ގޭބިސީތަކަށް ބޭނުންވާ އިތުރު 1.5 މެގަވޮޓުގެ ސޯލާ ސަޕްލައިކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފައި ވާއިރު، އިތުރު 7 މެގަވޮޓުގެ ސޯލާ ހޯދުމަށް ބީލަމަށް ހުޅުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިއީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅައިފައިވާ އަމާޒަށް ވާސިލުވުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.