ޕެރިހުގައި އޭނާގެ ދަރިފުޅު ކިމް ކާޑޭޝިއަންއާ އެކު ހުރެ ދެއްކި ވާހަކައިގައި ކްރިސް ބުނެފައިވަނީ، އޭނާގެ މޫނުގައި "އަސްލު އެއްޗަކަށް" ނުވަތަ އޮޕަރޭޝަން ނުކޮށް މިހާރު ހުރީ ހަމައެކަނި ނޭފަތް ކަމަށެވެ.
މި ވާހަކަ ދެކެވުނީ ޝޯގެ ޕްރޮޑިއުސަރަކު އެ ދެމައިންގެ ނޭފަތް ފެންނަނީ ވަރަށް ގުދުރަތީ ގޮތެއްގައި "އަސްލު" ކޮށް ކަމަށް ބުނުމުންނެވެ. އެ ވަގުތު ހީނގަންނަމުން ކްރިސް ބުނީ މޫނުގައި ބަދަލު ނުގެނެސް ހުރި ހަމައެކަނި ގުނަވަނަކީ ނޭފަތް ކަމަށް ވެދާނެ ކަމަށެވެ. މިއީ ޑިސެމްބަރު 4 ވަނަ ދުވަހު ދެއްކި އެޕިސޯޑުގައި ހިނގި ކަމެކެވެ.
ކްރިސް މިހެން ބުނެފައި މިވަނީ އޭނާގެ 70 ވަނަ އުފަންދުވަހާ ދިމާކޮށް ދާދި ފަހުން މޫނުގެ ހަންގަނޑު ދަމައި، ޒުވާންކޮށް ދެއްކުމަށް ހަދާ "ފޭސްލިފްޓް" ސާޖަރީއެއް ހަދާފައި ވަނިކޮށެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ މަޝްހޫރު ޑޮކްޓަރު ޑރ. ސްޓީވަން ލެވިންއެވެ. މިއީ މީގެ 15 ވަރަކަށް އަހަރު ކުރިން އޭނާ ހެދި ފޭސްލިފްޓަށް ފަހު، މޫނުގެ ސިފަ ތާޒާކޮށްލުމަށް ހެދި ދެވަނަ އޮޕަރޭޝަނެކެވެ.
ކްރިސް ޖެނާ އާންމުކޮށް ވެސް އޭނާ ހަށިގަނޑަށް ގެންނަ މިފަދަ ބަދަލުތަކުގެ ވާހަކަ މީޑިއާގައި ހިއްސާކުރެއެވެ. އޭނާ ބުނާ ގޮތުގައި މިކަންކަން ހާމަކުރަނީ އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ރީތިކޮށް ބެހެއްޓުމަށް އަމިއްލަ އިހުތިޔާރުގައި ކަންކަން ކުރުމަކީ މައްސަލައެއް ނޫންކަން އަންގައިދިނުމަށެވެ. އަދި މީހާގެ އަމިއްލަ ނަފްސު ބަލައިގަތުމަށް ހިތްވަރު ދިނުމަކީ ވެސް އޭނާގެ ބޭނުމެކެވެ.