ހިސާބުތައް ދައްކާގޮތުން ނިމިދިޔަ ނޮވެމްބަރު މަހު މި ބާވަތްތަކުގެ އަގު ވަނީ 3.84 ޕަސަންޓް އިތުރުވެފައެވެ. މީގެ އިތުރުން ހިނގަމުންދާ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު ވެސް، ނޮވެމްބަރު މަހު މި ތަކެތީގެ އަގަށް ވަނީ 0.63 ޕަސަންޓުގެ އިތުރުވުމެއް އައިސްފައެވެ. މިއީ މާލޭގެ ބާޒާރުގައި އަސާސީ ކާބޯތަކެތީގެ އަގުތައް މައްޗަށް ދާކަން ހާމަވާ ކަމެކެވެ.
ފޮނި ކާތަކެތީގެ އިތުރުން އެކި ބާވަތުގެ ބުއިންތަކުގެ އަގުވެސް ހުރީ މަތީގައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ ނޮވެމްބަރު މަހު ކޮފީ އަދި ކޮފީގެ ބަދަލުގައި ބޭނުންކުރާ ބުއިންތަކުގެ އަގު ވަނީ 8.07 ޕަސަންޓް އުފުލިފައެވެ. އަދި ތަރުކާރީ އާއި މޭވާ އިން ތައްޔާރުކުރާ ޖޫހުގެ ބާވަތްތަކުގެ އަގު ވަނީ 5.10 ޕަސަންޓް ބޮޑުވެފައެވެ. ހަމައެއާއެކު ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ސައިބޯނި ފަދަ ރީތިވާ ސާމާނުގެ އަގުތަކުން ވެސް ވަނީ 3.33 ޕަސަންޓުގެ އިތުރުވުމެއް ފެނިފައެވެ.
ޖުމްލަ ގޮތެއްގައި މާލޭގައި ވިއްކާ އަސާސީ ތަކެތީގެ އަގު، މިދިޔަ އަހަރާ އަޅާބަލާއިރު މިދިޔަ މަހު ހުރީ 0.73 ޕަސަންޓް މަތީގައެވެ. ކާބޯތަކެތީގެ އަގުތައް އުފުލުމުގައި އެކި ސަބަބުތައް މެދުވެރިވެއެވެ. ރާއްޖެއަކީ ގިނަ އަދަދަކަށް ކާބޯތަކެތި އިމްޕޯޓުކުރާ ގައުމަކަށްވާއިރު، ޑޮލަރު ލިބުމުގައި ހުރި ދަތިތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ވެސް މުދަލުގެ އަގު އުފުލުމަށް މަގުފަހިވަމުންދެއެވެ. މި މައުލޫމާތުތަކަކީ ސްޓެޓިސްޓިކްސް ބިއުރޯއިން ކޮންމެ މަހަކު އެއްކުރާ 2000 އަށް ވުރެ ގިނަ ޕްރައިޒް ކޯޓޭޝަނަށް ބިނާކޮށް އެކުލަވާލާ ހިސާބުތަކެކެވެ.