ދައުލަތުގެ މީޑިއާއިން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ ޒަކާތް ބެނެފިޝިއަރީ ކާޑެއް ތައާރަފް ކުރުމަށް ކަމަށެވެ. އެ ކާޑު ތައާރަފްކުރަނީ ޒަކާތް ހައުސްއާއި ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ކަމަށް ވިދާޅުވި އެވެ.
މި ކާޑު އޮންނާނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަގީރުންގެ އަތުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.
މި ކާޑު އިފްތިތާހުކުރުމުގެ މަގުސަދަކީ ފަގީރުން އެކި އިދާރާތަކަށް ހިނގަންޖެހޭ ހިނގުން މަދުކޮށް، އެ މީހުންނަށް ފަސޭހަކޮށްދިނުން ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވި މަސައްކަތް ކުރަމުންދަނީ ޖެނުއަރީ މަހުގައި އެ ކާޑު އިފްތިތާހް ކުރަން ކަމަށެވެ.
ޒަކާތު ނިޒާމު ހަރުދަނާ ކުރުމަށް ވޭތުވެދިޔަ 2 އަހަރު މުހިންމު ގިނަ މަސައްކަތްތައް ސަރުކާރުން ކޮށްފައި ވެއެވެ. މިމަސައްކަތްތަކުގެ ސަބަބުން މި ވޭތުވެދިޔަ ދެ އަހަރަކީ، އެންމެ ގިނަ އަދަދަކުން ޒަކާތުގެ ފައިސާ ލިބުނު ދެ އަހަރެވެ. މިދިޔަ އަހަރު އެކަނިވެސް ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައި ވެއެވެ.